އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް އާސެނަލް އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ތިންލަނޑު ސުން ލަނޑުންނެވެ. އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުން ކާމިޔާބުކުރި ތިންލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާ އާސެނަލްއަށް ލީޑު ނަގާދިނީ އެޓީމްގެ ކެޕްޓަން މާޓިން އޮޑެގާޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 31 ވަނަ މިނެޓްގައި ޖަހާދިނީވެސް އޮޑެގާޑްއެވެ.
މިމެޗްގައި އާސެނަލްގެ ތިންވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖޭސުސްއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީ ފެނިގެންދިޔައީ ވަރަށް ބޮޑަށް ރޫޅިފައިވި ޓީމެއްގެގޮތުގައެވެ. ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ޗެލްސީން އެޓީމްގެ ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައެވެ. މިއާއެކުވެސް އާސެނަލްގެ ގޯލަށް މާނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވޭތަނެއް ފެނިގެނެއް ނުދިޔައެވެ. މެޗްގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ނޯނީ މަޑުއެކައެވެ.
މިކާމިޔާބީއާއެކު އާސެނަލް މިހާރުވަނީ އަލުން ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު 34 މެޗުން ލިބިފައިވާ 78 ޕޮއިންޓާއެކުއެވެ. މިދިޔަ އާދިއްތަ ދުވަހު ތާވަލްގެ އެއްވަނައަށް އެރި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 32 މެޗުން 76 ޕޮއިންޓެވެ. ނަމަވެސް މިރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ބައްދަލުކުރާމެޗް ކާމިޔާބުކޮށްފި ނަމަ އަލުން ސިޓީއަށް ތާވަލްގެ އެއްވަނަ ލިބޭނެއެވެ.
އާސެނަލް ރޭ ޗެލްސީ އަތުން މޮޅުވީ ލީގުގައި އެޓީމް އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުނުވެވި ދިއުމަށްފަހުއެވެ. މިމެޗުން ބަލިވުމުން ޗެލްސީ މިހާރު އުޅެނީ 33 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. މިއީ އެޓީމްގެ ކޯޗްކަމާއި ފްރޭންކް ލެމްޕާޑް ވަގުތީ ގޮތުން ހަވާލުވިފަހުން ކުޅެ އަދި ބަލިވިވެސް ހަވަނަ މެޗެވެ.