ރައީސް ޞޯލިޙް އާއި އިންޑިއާ ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި ދެގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި ސަރަޙައްދަށް އަމާންކަން ކަށަވަރުކޮށްދެއްވާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މަރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ޝަރަފްގައި މިރޭ ކުރުނބާ އައިލެންޑް ރިސޯޓުގައި އޮތް ޚާއްސަ ފަރީކޮޅުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ޒަމާނުއްސުރެ ރާއްޖެ ގެންގުޅުނު "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އިންޑިއާ ބޮޑުވަޒީރު ހިޒް އެކްސެލެންސީ މޯދީގެ "ނެއިބަރހުޑް ފަސްޓް" ޕޮލިސީގެ ދަށުން އިންޑިއާ އާއި ރާއްޖެ އާއި ދެމެދުގައިވާ ދުވަސްވީ ލާމަސީލުގުޅުން ދަނީ ރައީސް ޞޯލިޙް އާއި އިންޑިއާ ބޮޑުވަޒީރު މޯދީގެ ޒައާމަތުގައި އިތުރަށް ފުޅާވެ ދެގައުމުގެ ރައްޔިތުންނަށް ފާގަތިކަމާއި މި ސަރަޙައްދަށް އަމާންކަން ކަށަވަރުކޮށްދެމުން ކަމަށެވެ.
އިއްޒަތްތެރި ވަޒީރު އޮނަރަބަލް ޝްރީ ރަޖުނާތު ސިންގ، މަނިކުފާނާއި އަޅުގަނޑަކީ، އިންޑިއާ ކަނޑުގެ އަވަށްޓެރި ދެ ޤައުމުގެ ދިފާޢީ ވަޒީރުން ކަމަށްވާއިރު، މި މާސިންގާ އިންޑިއާ ކަނޑު ތެރޭގެ ހުރި ނުރައްކާތެރި ނުކިއްސަރު އަދި ކަންބޮޑުވާ އޮއިވަރުތަކުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަޅުގަނޑުމެންގެ ދެ ދައުލަތާއި ރައްޔިތުންނާއި، މުޅި ސަރަޙައްދު ބަލަހައްޓާ، ސަރަޙައްދުގެ މަސްލަހަތުތައް ކުރިއަރުވައި ހިމާޔަތް ކުރުމަށް އަޅުގަނޑުމެންނަށް އޮތް ޒިންމާ ވަރަށް ވެސް ބޮޑު.
– މާރިޔާ ވިދާޅުވިއެވެ.
އަދި ބަވަނަވެފައިވާ މި ސައިބަރ ޑްރިވެން ދުނިޔޭގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް މި ދެ ދައުލަތް ޤަބޫލުކުރާ އުޞޫލުތަކާއި ހަމަތަކުގެ މަތިން މަސައްކަތް ކޮށްފިނަމަ، މި ގޮންޖެހުންތަކާއި ކުރިމަތިލައި، ބޭނުންވާ ގިނަގުނަ ލަނޑުދަނޑިތައް ޙާސިލުކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޮނަރަބަލް ޝްރީ ރަޖްނާތް ސިންގ. މި ފާއިތުވީ 4 ވަރަކަށް އަހަރު އަޅުގަނޑަށް ވަނީ މަނިކުފާނާއެކު މަސައްކަތް ކުރުމުގެ ޝަރަފު ލިބިފައި. އެގޮތުން ދިމާވާ ދިމާވުމުގައި މަނިކުފާނު އަޅުގަނޑަށް މުޚާތަބް ކުރައްވާ އިރު "ދީދީ" އޭ ވިދާޅުވެ، އެއީ ހިންދީ ބަހުން "އުޚްތު" ކަމަށް ވިދާޅުވެ އެގޮތުގައި އަޅުގަނޑާ މުޚާތަބު ކުރައްވާފައިވޭ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިއިން އަޅުގަނޑުމެންގެ ދެ ޤައުމު އަދި ދެ ސަރުކާރު ދެމެދުގައި އޮންނަ ގާތް އަޚްވަންތަ ގުޅުން ރަމްޒުކޮށްދިނުމުގެ އިތުރުން އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައިވާ އަޚްވަންތަ ގުޅުން ވެސް ވަރަށް ރަނގަޅަށް ސިފަކޮށްދޭ.
– މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާޒީއިން ފެށިގެން މިއަދާއި ހަމައަށް ދެ ޤައުމަކީ އެފަދަ ދެވަނައެއް ނުވާފަދަ ގާތްގުޅުމެއް ދަމަހައްޓަމުން އަންނަ ދެ ޤައުމު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިންޑިއާއަކީ ބައިނަލްއަޤުވާމީ އެހީއަށްބޭނުންވާ ކޮންމެފަހަރަކު އެކުރާ ބައިނަލްއަޤްވާމީ 911 ކޯލަށް އެންމެ ފުރަތަމަ ދީލަތިކަމާއެކު އިޖާބަދޭ ޤައުމު ކަމަށެވެ. އަދި ގުޅިގެން މިވަނީ ދިފާޢީ ގުޅުމުގެ ގިނަ ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ.
މިހަފްލާގައި މިނިސްޓަރ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ލޮބުވެތި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ދިފާއީ ވަޒީރަށާއި، ވަފުދުގެ މެންބަރުނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނަވާފައެވެ.
ކޮމެންޓު ފޮނުވާ