ބަޖެޓަށް ވޯޓު ނުދިނީ ޤައުމަށާއި، ރައްޔިތުންނަށް ގެއްލުންހުރި ބަޖެޓަކަށް ވުމުން: އިދިކޮޅު

ބަޖެޓަށް ވޯޓު ނުދިނީ ޤައުމަށާއި، ރައްޔިތުންނަށް ގެއްލުންހުރި ބަޖެޓަކަށް ވުމުން: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 05:41
0

އަންނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ މަޖިލިސް މެމްބަރުންގެ ވޯޓު ދީފައި ނުވަނީ ބަޖެޓަކީ ދިވެހި ޤައުމަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ކުރުވާނެ ބަޖެޓަކަށް ވުުމުން ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބަޖެޓަށް ވޯޓު ނުދިން ސަބަބުތައް ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ ބަޖެޓަށް ވޯޓު ނުދިނީ ރައްޔިތުންނަށާއި ޤައުމަށް ބަޖެޓުން ގެއްލުންވާނެކަން ކަށަވަރު ވުމުންކަމަށެވެ. ބަޖެޓުގެ ބަހުސް މަރުހަލާގައާއި، ބަޖެޓު ދިރާސާ ކުރެއްވުމަށް ބޭއްވުނު ބައްދަލުވުންތަކުގައި ރާއްޖޭގެ މާލީ އިދާރާތަކުންނާއި، މާލީ ކަންކަން ދެނެވަޑައި ގަންނަވާ ބޭފުޅުން ބަޖެޓާއިމެދު ފާޅުކުރެއްވި އެއްވެސް ކަންބޮޑުވުމަށް ބެލުމެއްނެތި ދަރަނި ބޮޑު ބަޖެޓެއް ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ އިދިކޮޅު ތާއީދު ކުރާނެ ކަމެއް ނޫންކަމަށެވެ.

ސަލީމް ވިދާޅުވީ މިބަޖެޓާއިއެކީ އަންނަ އަހަރަކީ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ދަތި އަހަރަކަށް ވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހުއްޓި، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ބޯހިޔާވަހިކަމާއި، އަސާސީސީ ޚިދުމަތްތަކުގެ އަގުވެސް އިންތިހާއަށް ބޮޑުވެގެން ދިއުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެކަމަށް 17 ބިލިޔަން ރުފިޔާ ޖަހާފައިވާއިރު، ބަޖެޓް ފާސްވިއިރު އެއަދަދު 21 ބިލިޔަން ރުފިޔާއަށް އިތުރުވެެގެން ދިޔަ ގޮތެއް ބަޖެޓުން ފެންނަން ނެތްކަމަށް ސަލީމް ވިދާޅުވިއެވެ. ބަޖެޓް އެކުލަވާލުމުގައި ސަރުކާރުން ގެން ގުޅެފައިވާ ސިޔާސަތަކީ ވަކި މަންފާއެއް ހާސިލް ކުރުމުގެ ނިޔަތް އިސްކޮށް ރައްޔިތުންނަށް ދެރަ ދިނުން ކަމުގައި ސަލީމް ވިދާޅުވިއެވެ.

ބަޖެޓުގައި ރައްޔިތުން އަތުން އަންނަ އަހަރު އިތުރު ޓެކްސްތަކެއް ނަގައި ރައްޔިތުން ފެލައިގެން ދައުލަތް ހިންގުމަށް ވަރަށްބޮޑު އިސްކަމެއް ދީފައި ވުމަކީވެސް ބަޖެޓަށް ނޫނެކޭ ބުނަންޖެހުނު ސަބަބެއްކަމަށް ސަލީމް ވިދާޅުވިއެވެ. މިބައްދަލުވުމުގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންނާއި ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.