މުސާރައިގެ ފަރަގު ކުޑަކޮށް، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށް ދެވިފައިވާކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި މަސައްކަތްތެރިންނަށް ފޮނުވައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީއަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް އަބަދުވެސް ގޮވާލާ, އަދި އެ ހައްގުތައް ނެގެހެއްޓުމަށް މަސައްކަތްކުރާ ޕާޓީއެއްކަމަށެވެ. ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ކަށަވަރުކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކުރެވުނުކަމަށެވެ.
އަދި އޭގެ ފަހުން 2018 ގައި އިންތިހާބުކުރެވުނު އެމްޑީޕީގެ ދެވަނަ ސަރުކާރުގައިވެސް މަސައްކަތްތެރިންނަށް ކުރިއަށްވުރެ ހައްގުތައް ފުޅާކުރެވި, އެ ހައްގުތައް ނަގަހައްޓާނެކަން ދިވެހިރައްޔިތުން ޔަގީންކުރާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ވަޒީފާއަދާކުރާ ތަނުން އެއްވެސް މުވައްޒަފަކާމެދު އަޅާ ފިޔަވަޅެއް ކަމާބެހޭ މުއައްސަސާއަށް އެއްވެސް ބިރެއް ނެތި އަދި އެ މައްސަލައެއް އެ މުވައްޒަފަކު ހުށަހެޅީތީ މަސައްކަތު މާހައުލުގައި ބިރު ދެއްކުމެއް ނެތި މައްސަލަތައް ބަލައި ނިމި އިންސާފު ލިބިގެންދާނެކަން އެއީ މިއަދު ފެންނަން އޮތް ހަގީގަތް.
– އެމްޑީޕީ ބަޔާނުގައި ވެއެވެ.
އެމްޑީޕީން ބުނީ މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ކުޑަކުރުމާއި މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނައުމަށް ފަށާފައިވާ ސަރުކާރުގެ ސިޔާސަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ އަދި ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތައް ގެނެވިފައިވާކަމަށެވެ.
މީގެ އިތުރުން, މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ ނުހަނު ގިނަ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށައިފައިކަމަށެވެ. އެގޮތުން, ގާނޫނަކުން މިނިމަމް ވޭޖް ކަނޑައެޅިގެން ދިއުމާއި ސާވިސް ޗާޖުގެ ފައިދާ ހަމަހަމައަށް ލިބޭނެ ގޮތް ގާނޫނަށް އިސްލާހު ގެނެވި ހަމަޖެހިގެންދިއުމާއި ވިހެއުމާއި ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް ލިބުން ފަދަ އެތައް ސިޔާސަތުތަކެއް ތަންފީޒުކުރެވިގެންދާއިރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގޮތުން އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ކުރިއަށް ދާކަމަށެވެ. އަދި ވަޒީފާ ގެއްލޭ ފަރާތްތަކުގެ އިންޝުއަރަންސްގެ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުގައި މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ދިވެހި މަސައްކަތްތެރިން ބަލައިގަންނަ ފިޔަވަޅު ތަކެއްކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތްތެރިންގެ ހައްގުގައި ހަރުދަނާ އީޖާބީ ފިޔަވަޅުތަކެއް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަޅުއްވާނެކަން ޔަގީންކުރާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ