އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
ފުލަމްގެ ދަނޑުގައި ރޭ ކުޅުނު މެޗް ސިޓީން ކާމިޔާބުކުރީ ދެ ލަނޑު އެއް ލަނޑުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ބޮޑު ބައި ކޮންޓްރޯލް ކޮށްފައިވަނީ ސިޓީންނެވެ. ހަމައެއާއެކު ގިނަ ޙަމަލާ އުފައްދާފައިވަނީވެސް ސިޓީންނެވެ. މި މެޗްގެ ތިންވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަރލިންގ ހާލަންޑްއެވެ. މިއީ އޭނާ މި ސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ. އެހެންކަމުން މިއީ 1931 ވަނަ އަހަރު އެސްޓަން ވިލާގެ ޓޮމް ޕޮންގޯ ވޭރިން، އެއް ސީޒަންގައި 50 ލަނޑު ހަމަކުރި ފަހުން ކުޅުންތެރިއެއް އިނގިރޭސި އެންމެ މަތީ ލީގުގައި ހާފް ސެންޗަރީއެއް ހެދި ފުރަތަމަ ފަހަރެވެ.
މިއާއެކު ހާލަންޑް ވަނީ ޕްރިމިއަރ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނާ އަރާ ހަމަކޮށްފައެވެ. 34 ލަނޑާއެކު ހާލަންޑް ރިކޯޑާ ހަމަކުރިއިރު، މީގެ ކުރިން މިރިކޯޑް ހަދާފައިވަނީ އެންޑީ ކޯލް އާއި އެލެން ޝިއެރާއެވެ. އަދި ލީގުގައި ސިޓީއަށް ބާކީ ހަ މެޗު އޮތުމާއެކު މި ރިކޯޑްވެސް ހާލަންޑް މުގުރާލާނެ ކަމަށް ވަނީ ބެލެވިފައެވެ.
ރޭގެ މެޗްގެ ކުރީކޮޅު ސިޓީން ލީޑު ނެގި ނަމަވެސް ފުލަމުން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗްގެ 15 ވަނަ މިނެޓްގައި، އެ ޓީމުން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް ވިނީޝިއަސްއެވެ. އެކަމަކު މެޗްގެ 36 ވަނަ މިނެޓްގައި ހޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި، ސިޓީއަށް އަލުން ލީޑު ނަގައިދީފައެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު ސިޓީ މިހާރުވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އަރާފައެވެ. އަދި މިސީޒަންގެ ބޮޑު ބައިގައި ތާވަލުގެ އެއްވަނައިގައި އުޅުނު އާސެނަލް މިހާރުވަނީ 75 ޕޮއިންޓާއެކު ތައާވަލްގެ ދެވަނައަށް ވެއްޓިފައެވެ. އަދި ސިޓީން އެއް މެޗް މަދުން ކުޅެފައިވުމުން އެޓީމަށް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތުވެސް ވަނީ ތަނަވަސްވެފައެވެ. މީގެ އިތުރުން މިމެޗުން ބަލިވުމުން ފުލަމް މިހާރު އުޅެނީ 45 ޕޮއިންޓާއެކު ތާވަލުގެ 10 ވަނާގައެވެ.