މިއަދު ވަޒީފާ ލިބެނީ ސިޔާސީ ނުފޫޒުން، ވަޒީފާގެ ޔަގީންކަމެއް ނެތް: ނާޒިމް

މިއަދު ވަޒީފާ ލިބެނީ ސިޔާސީ ނުފޫޒުން، ވަޒީފާގެ ޔަގީންކަމެއް ނެތް: ނާޒިމް

Author
މުޙައްމަދު ޝަޒައިމް
01 މެއި 2023 12:09
0

ރާއްޖޭގައި މިހާރު އޮތް އެންމެ ނުރައްކާތެރި އެއް ސަގާފަތަކީ ސިޔާސީ ނުފޫޒުން ނޫންގޮތަކަށް ވަޒީފާ ލިބެން ނެތުންކަމުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވައި ނާޒިމް ވަނީ މަސައްކަތްތެރިންގެ މެދުގައި އޮތް ކަންބޮޑުވުމަށް އިޝަރާތް ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވަޒީފާގެ ކަށަވަރުކަން ހޯދުމަކީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އެކަން އެހެންވާން ޖެހިފައިވަނީ މިހާރު އޮތް ސަގާފަތުގެ ތެރެއިން ސިޔާސީ ބާރުވެރިކަމެއް ހޯދުމުގެ ނިޔަތުގައި ނޫނީ ވަޒީފާ ލިބޭނެ ގޮތެއް ނެތުމުންކަމަށެވެ.

މިހާރުގެ ސަގާފަތް އޮތްގޮތުން މަސައްކަތް ތެރިންނަށް ލިބެންޖެހޭ ހަމަ އުޖޫރަ ނުލިބުމާއި، އެންމެ ޤާބިލް މީހުންނަށް ދައުލަތުގެ އެކި ފަންތީގައި ލިބެންޖެހޭ ވަޒީފާ ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ކަންބޮޑުވުމާއިއެކު ނާޒިމް ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ވަޒީފާ ލިބެނީ ސިޔާސީ ނުފޫޒުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މަސަކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް ދަންނަވަން. މިއަދު މިއޮތީ ވަޒީފާގެ ޔަގީންކަން ހޯދަން ޖެހިފައި. އަދި އިންސާފުވެެރި އުޖޫރަ ލިބުމުގެ ހައްގު ހޯދަން ޖެހިފައި. އެންމެ ގާބިލު މީހާއަށް ދައުލަތުގެ އެކި ފަންތިތަކާއި ގިންތިތަކުގެ ވަޒީފާ އަދުދުވަހު ކަށަވަރެއް ނޫން. ވަޒީފާ ލިބެނީ ސިޔާސީ ނުފޫޒުން. މިކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން.

– ނާޒިމް ވިދާޅުވިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައި ރައީސް ޞާލިހު ވިދާޅުވީ މަސައްކަތްތެރިންގެ ޙައްޤުގައި ސަރުކާރުން މިއަދު ތަންފީޒު ކުރަމުން އަންނަ އެންމެ މުހިންމު ސިޔާސަތަކީ، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުންކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ ވަރަށް މުހިންމު މަސައްކަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ. ސަރުކާރުގެ މުސާރަތަކަށް މިހާރު ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތަކަކީ، އެންމެ އެކަށީގެންވާ ބަދަލުތައް ކަމަށް ނުވިޔަސް، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ސިވިލް ސަރވިސްގެ މުސާރަތަކަށް، ނިސްބަތުން މިހާ ބޮޑު ބަދަލެއް އަންނަ ފުރަތަމަ ފަހަރުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.