މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށާއި، އެމީހުންގެ އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލައްވާފައި ވަނީ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި މަސައްކަތްތެރިންނާއި އެމީހުންގެ ޢާއިލާތަކާއި މަސައްކަތްތެރިންނަށް ފަހި ގޮތްތައް ހޯދައިދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި، ވޭތުވެދިޔަ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން އަޅާފައިވާ މުހިންމު ފިޔަވަޅުތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން ވިހެއުމާ ގުޅިގެން ކޮންމެ މަންމައަކަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް ސަރުކާރުން، ހަމަޖެއްސަވާފައިވުމާއި މިނިމަމް ވޭޖް ކަނޑައެޅުއްވުމާއި އަދި ސާވިސް ޗާޖްގެ ފައިދާ، ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ގެންނެވި ބަދަލު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ ތަފާތު ދާއިރާތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށާއި، މުވައްޒަފުންގެ މެދުގައި ހުރި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތެއްކަން ވެސް އެމަނިކުފާނުގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.
މިހާރުވެސް މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން. ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދެމުން މި އަންނަނީ، އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއްކަން ޤަބޫލުކުރަމުން.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ޕްރައިވެޓް ސެކްޓާގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިންސާނީ ކަރާމާތާއި، އެމީހުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް ފުރިހަމައަށް ލިބިދިނުމަށް ވެސް އިލްތިމާސް ކުރައްވާފައިވެއެވެ.
އެ މަނިކުފާނުގެ ޚިޠާބު ނިންމަވައިލައްވާފައި ވަނީ މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ކޮމެންޓު ފޮނުވާ