މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެެރެއިން ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން 23 އޮގަސްޓު 2019 ގައި ހުށަހެޅި މައްސަލާގައި އިއްޔެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އިފް ދަ ސީ (ޓްރައިބިއުލަން) ކުރި ހުކުމަށްފަހު، އޭގެ ކުރިން މިމައްސަލާގައި ވަކާލާތު ކުރެއްވި ބައެއް ސިޔާސީ ލީޑަރުން ހަނު ތިއްބަވައިފިއެވެ.
އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، އިޓޮލްސްއިން މައްސަލަ ނިންމުމުގެ ކުރިން، މިމައްސަލަ މަޑު ޖައްސާ ދިނުމަށާއި، އަދި އޭގެ އިތުރުން މިމައްސަލަ ނިމިގެންދާ ގޮތަކުން ރާއްޖެގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިގެން ހިގައިދާނެކަމުގެ ކަންބޮޑުވުން ފާހަގަ ކުރެއްވި ދެ ލީޑަރުން ކަމަށްވާ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއާއި އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްއެވެ.
މިގޮތުން ހުކުމުގެ ކުރިން ކާނަލް ނާޒިމް ސޮއި ކުރައްވާ އިޓޮލްސްއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލާގައި މި ސަރުކާރުން އަމަލް ކޮށްފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީއާއި ޚިލާފަށް ކަމަށާއި، މިމައްސަލަ ކުރިޔަށް ނުގެންގޮސް މަޑު ޖައްސާ ދިނުމަށެވެ.
ހުކުމުގެ ކުރިން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އިޓޮލްސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފަވަނީ އެ ސިޓީއަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސް ގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އަޅުގަނޑު ފޮނުވި ސިޓފުޅެއް ކަމުގައެވެ.
އެހެންނަމަވެސް އިޓްލޮސްގެ ހުކުމަށްފަހު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަކާލާތު ކުރަމުންދިޔަ ނަމަވެސް، ހުކުމުގެ ކުރިން، މިމައްސަލާގައި ސަރުކާރުގެ ސްޓޭންޑާއި ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދެވި، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއާއި އެމްއެންޕީގެ ލީޑަރު ކާނަލް ނާޒުމްވެސް އަދި މިހާތަނަށް މިމައްސަލާގައި ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރައްވާފައެއް ނުވެއެވެ.
އިއްޔެގެ ހުކުމަށްފަހު ސަރުކާރުން ވިދާޅުވެފައިވަނީ، މި ހުކުމާއެކު ރާއްޖޭގެ ކަނޑުގެ އިން ފުރިހަމައަށް ވަކުކުރެވިގެން ހިގައްޖެ ކަމަށާއި، ރާއްޖެއަށް ގެއްލިގެން ދިޔަކަމަށް ބުނާ ބަޔަކީ ރާއްޖޭގެ މަސްވެރިން އެއްވެސް ޒަމާނެއްގެ މަސްވެރިކަން ކޮށްއުޅުނު ސަރަހައްދެއް ނޫންކަމުގައެވެ.
ކޮމެންޓު ފޮނުވާ