ޗާގޯސް ލިބެންއޮތީ ރާއްޖެއަށް ކަމަށާއި، އެ ފުރުސަތު ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ފައިދާއަށްކަމުގައި މިސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
ޗާގޮސްގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނެ އާންމުވެގެން އުޅޭ ސިޓީ އެއާއި ގުޅޭގޮތުން ރައީސް ޞާލިހުގެ ދެއްކެވި ވާހަތަކަށް އަމްރު ވަނީ ރައްދު ދެއްވާފައެވެ. އަމްރު ވިދާޅުވީ މިމައްސަލައަކީ ދިވެހި ރައްޔިތުންނަށް އެއްފަހަރާ މުއްސަދިވާން ލިބުނު ބޮޑު ފުރުސަތެއްކަމަށެވެ. ނަމަވެސް އެފުރުސަތު މިސަރުކާރުން ދޫކޮށްލީކަމަށެވެ.
ސަރުކާރުން މިޗާގޯސް ރާއްޖެއަށް ލިބެން އޮތް ފުރުސަތު ދޫކޮށްލީ ސީދާ ރައީސް ޞާލިހުގެ އަމިއްލަ މަސްލަހަތަށް ކަމަށް އަމްރު ވިދާޅުވިއެވެ. މިއަދު ޗާގޯސް ރާއްޖެއަށް ލިބެން އޮތް ފުރުސަތު ދޫކޮށްލުމުގެ އެންމެ ބޮޑު ޒިންމާއެއް ނަންގަނަވަންޖެހޭނެ ބޭފުޅަކީ ރައީސް ޞާލިހުކަމަށް އަމްރު ވިދާޅުވިއެވެ.
މައްސަލައަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ހުންނަވާ ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްފަހަރާ މުއްސަދި ވާން ލިބުނު ފުރުސަތު އަމިއްލަ ފައިދާއަށްޓަކާ ދޫކޮށްލުން. ޗާގޯސް ލިބެންއޮތީ ރާއްޖެއަށް. ހަމައެކަނި ނުލިބޭނެ ގޮތަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އެ ރަށް ބޭނުމެއް ނެތޭ ބުނުން.
– އަމްރު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޓީފުޅުގައި، އާންމުވި ސިޓީގައި ހަނގުރާމަމަތީ މަތިންދާ ބޯޓުތަކެއްގެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އޭގެ ތަފުސީލުތަކަށް ވަޑައިގެން ރައީސް ވިދާޅުވީ އެ ސިޓީފުޅު ފޮނުއްވުމުގެ މައިގަނޑު ބޭނުމަކީ ޗާގޮސް އަކީ އިނގިރޭސިންގެ ތަނެއްކަން ރާއްޖެ އިން ދެން ނުބުނާނެ ކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅެއް ކަމަށެވެ. އަދި އެ ސިޓީ ފޮނުއްވީ، އޭރު މޮރިޝަސްގެ ބާރުގެ ދަށަށް ޗާގޯސް ގޮސްފައި އޮތުމާ ވެސް އެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލާގައި އދ. ގައި ރާއްޖެ އިން ވޯޓު ދިނީ މޮރިޝަސް އާ ދެކޮޅަށް ކަމަށާއި އެއީ ގައުމުތަކުގެ އިސްތިއުމާރީ ކުރުމަށް ހިތްވަރު ލިބޭ ނިންމުމެއް ކަމަށް އޭރު ފާޑު ކިޔުންތައް އަމާޒުވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، ރާއްޖެ އަކީ އިސްތިއުމާރު ކުރުމާ އަބަދު ވެސް ދެކޮޅު ގައުމެއް ކަމަށާއި އެގޮތަށް އޭރު ވޯޓު ދިން މައިގަނޑު ސަބަބަކީ، ރާއްޖޭގެ މަސްލަހަތު އޮތް މައްސަލައެއް މޮރިޝަސް އިން ހުށަހަޅާފައިވާތީ އެކަމަށް "ޕްރޮޓެސްޓް ކުރަން" ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ