ޗާގޯސްގެ މައްސަލައިގެ ބޮޑު ނިންމުން މިއަދު 2:30ގައި، މުޅި ޤައުމު އިންތިޒާރުގަ!

ޗާގޯސްގެ މައްސަލައިގެ ބޮޑު ނިންމުން މިއަދު 2:30ގައި، މުޅި ޤައުމު އިންތިޒާރުގަ!

Author
މުޙައްމަދު ޝަޒައިމް
28 އޭޕްރިލް 2023 11:20
0

ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ މިއަދު ނިންމަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ހަމަޖައްސައިފިއެވެ.

ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހެޅީ ސަރަހައްދީ އިމުގެ މައްސަލަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ޓްރައިބިއުނަލުން މިދިޔަ އަހަރު ވަނީ ނިންމާލައިފައެވެ.

މިމައްސަލަ ތާވަލްކޮށްފައިވަނީ މިއަދު މެންދުރުފަހު 14:30 އަށެވެ. މިއަޑުއެހުން ލައިވް ސްޓްރީމް ކުރަމުންދާނެއެވެ. އެހެން ކަމުން މިއަޑުއެހުން ރާއްޖޭގެ ގިނަ ބަޔަކަށް އަޑުއެހުމުގެ ފުރުސަރު އޮންނާނެއެވެ. އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެއިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފައެވެ. އޭގެކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި އޭގެކުރިން ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.

އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ.

ޗާގޯސްއަކީ އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދިނުމުން އެމެރިކާއިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމްކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސިވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައިވެއެވެ.

ޗާގޯސްއާ ރާއްޖެއާ ގުޅޭ ހިސާބު:

ދިވެހިރާއްޖެއާއި ޗާގޯސްއާ ދެމެދު 500 އެއްހާ ކިލޯމީޓަރުވެސް ރަނގަޅަށް ހަމަނުވެ އެވެ. އެއީ އައްޑު އަތޮޅާއި މާލެ އާއި ދެމެދު މިއޮތްވަރުގެ ދުރުމިނެކެވެ. ގުދުރަތީ ގޮތުން ޗާގޯސް އާއި ދިވެހިރާއްޖެ އުފެދިފައި އޮތް ކޮންޓިނެންޓަލް ޝެލްފަކީ އެއް ޝެލްފް އެކެވެ.

ޗާގޯސް އާއި ދެން އެންމެ ކައިރީގައި އޮތީ އިރުމަތީ އެފްރިކާގެ ގައުމެއް ކަމުގައިވާ މޮރިޝަސްއެވެ. އެއީ ޗާގޯސް އިން 2،100 އެއްހާ ކިލޯމީޓަރަށްވުރެވެސް ދުރުގައި އޮތް ގައުމެކެވެ. ދިވެހިރާއްޖެއާއި ޗާގޯސް އެއް ކޮންޓިނެޓަލް ޝެލްފްގައި އޮތްއިރު މޮރިޝަސް އުފެދިފައި އޮތީ ޗާގޯސްއާ އެއް ކޮންޓިނެންޓަލް ޝެލްފަކުވެސް ނޫނެވެ.

ދިވެހިރާއްޖެ އަށް 1965 ގައި އިނގިރޭސީންގެ ހިމާޔަތުން މިނިވަންކަން ލިބުނު ފަހުން ދިވެހިރާއްޖޭގެ އިމުގެ ސަރަހައްދު ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކަނޑައެޅުމަށް މިހާތަނަށް ދިވެހިރާއްޖެއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ދިވެހިރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ގާތް ދުރުމިނާއި، ތާރީހީ ބައެއް ލިޔުންތަކުގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ޗާގޯސްއާ ދިމާލުން ރާއްޖޭގެ އިން ކަނޑައެޅުމުގައި މައްސަލަ ދިމާވި އެވެ. އަދި އޭރުއްސުރެ މިކަން ބައިނަލްއަގުވާމީ މައްސަލައެއްގެ ގޮތުގައި ހިނގަމުން އަންނަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް މައްސަލައެއްގެ ގޮތުގައެވެ.

ޗާގޯސް އާކިޕެލަގޯ

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ބައެއް ދާއިމަށް ގެއްލުމުގެ ބިރު އެބައޮތް:

މިމައްސަލައިގައި ދިވެހިރާއްޖެއަށް އޮތް ސީރިއަސް އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރިންވެސް ފާހަގަކުރި ގޮތަށް ޗާގޯސް އާއި ދިވެހިރާއްޖޭގެ 500 ކިލޯމީޓާރު ހަމަނުވާ ގާތް ދުރުމިނެވެ. ޗާގޯސް އެއީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ޗާގޯސް އިން ފެށިގެން މިންއަޅައިގެން ކަނޑުގެ ސަރަހައްދު ކަނޑައަޅަން އުޅެފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ބައެއް ދާއިމަށް ގެއްލުމުގެ ބިރު އެބައޮތެވެ. އެއީ ޗާގޯސް އާއި ދިވެހިރާއްޖެއާއި އެދޭތެރޭގައި ކަނޑުގެ ގާނޫނުގެ ދަށުން ކޮންމެ ގައުމަކަށްވެސް ކަނޑައަޅަން ލިބިދެވޭ ސަރަހައްދުގެ ބޮޑު މިން އެއްބައެއް އަނެއްބައެއްގެ ސަރަހައްދާއި ފުށުއަރާއިރު ހަމަހަމަކޮށް ބައިކުރުން ނޫން ގޮތެއް ނޯންނާނެތީއެވެ.

ޓްރައިބިއުނަލުން ނިންމާ ގޮތަކުން އެކަން ވެގެންދާނީ ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުގައި ރާއްޖޭގެ އެންމެހާ ހައްގަކަށް އުނިކަން ލިބޭނެ އަދި ދިވެހިރާއްޖޭގެ ސަރަހައްދަށް އިއާދަ ނުކުރެވޭނެ ގެއްލުމެއް ކުރިމަތިވެގެންދާނެ ނިންމުމަކަށެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ފުރިހަމަ އިޖުރާއަތްތަކަށް އަމަލުނުކޮށް ނިންމާ މިފަދަ ނިންމުމަކަށް ދިވެހި ރައްޔިތުން އެއްބަހެއް ނުވާނެ އެވެ. މިކަމުގައި އެންމެ ފަހުން ދިވެހިރާއްޖެއިން އަމަލުކުރި ގޮތަކީ އެއްގައުމު އަނެއްގައުމުން ކޮލޮނައިޒް ކުރުމަށް މަގެއް ހުޅުވައި ދިނުމަށް މަސައްކަތް ކުރުމެވެ. އެހެންކަމުން މޮރިޝަސް އަށް ޗާގޯސް ކޮލޮނައިޒް ކުރުމަށް ދިވެހިރާއްޖެ އިން ފޮނުވި ސިޓީ އަނބުރައި ގެންނަންޖެހެއެވެ. އެސިޓީގައި ވިދާޅުވެފައިވާ ފަދައިން ހަމަ ހަގީގަތުގައިވެސް އެއްވެސް ތަނެއް އެއްވެސް ބަޔަކު ކޮލޮނައިޒް ކުރުމަށް ދިވެހިރާއްޖެއިން ތާއީދު ނުކުރާކަން ހާމަކުރަންޖެހެއެވެ.

ކޯޓުން ކޮންމެ ގޮތަކަށް ނިންމިޔަސް، ރާއްޖެއިން ބައެއް ދޫވިޔަ ނުދޭނަން:

ރާއްޖެ-މޮރިޝަސް މައްސަލާގައި ބައިނަލްއަގުވާމީ ގޮތުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ސަރަހައްދުން އެއްވެސް ބަޔަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބުނާ ކަމަށާއި އެކަމަކު އެއްވެސް ސަރަހައްދެއް އުނިވިޔަ ދިއުމަށް މަޖިލީހުން ފުރުސަތޔ ނުދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން ކޮންމެ ބަޔަކާ އެކު އެއްބަސް ވިޔަސް ކޮންމެ ކޯޓަކުން ކޮންމެ ތަނަކުން ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ނިންމި ކަމުގައިވީ ނަމަވެސް އަޅުގަނޑު ދަންވާނީ ސަރަހައްދު ކުޑަ ކުރަން މި މަޖިލީހުން ހިންގަން ޖެހޭ އިޖުރާއަތްތައް މި މަޖިލީހުގެ މެންބަރުންނަށް އެދިވަޑައިގެނަންނަވައިގެން ދޫ ކޮށްލަން ފެނިވަޑައިގަތީމަ ދޫކޮށްލެވޭނީ.

– ނަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގެ ސިޓީއެއް އިޓްލޮސް އަށް:

ޗާގޯސް މައްސަލަ މަޑުޖައްސާލުމަށް އެދި އިދިކޮޅު ޕީޕީއެމުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. ޗާގޯސްގެ މައްސަލާގައި ސަރުކާރުން ކަން ކޮށްފައިވާ ގޮތް ސާފުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހާއި ފޮރިން މިނިސްޓްރީ އަށް ވެސް އިދިކޮޅުން ވަނީ ސިޓީ ފޮނުވައިފައެވެ. އެ މައްސަލަ ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވެސް ޕީޕީއެމް ކޯލިޝަނުން ސިޓީ ފޮނުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އިޓްލޮސް އަށް އިއްޔެ ހެނދުނު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި އެދިފައިވަނީ އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށެވެ.

ޕީޕީއެމްއިން ވަނީ މިރޭ މިމައްސަލައާއި ގުޅޭގޮތުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރުމަށްވެސް ނިންމާފައެވެ. އަދި ރައީސް ޞާލިހު ފޮނުވި ސިޓީހާމަ ކުރުމަށް އެކޯލިޝަނުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.