އަންނަ އަހަރަށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް 34.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2020 02:07
0

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 34.8 ބިލިއަން ރުފިޔާގެ ބަޖެޓަށް 200 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރުމަށް ނުފެންނަކަމަށް ވޯޓް ދެއްވީ 1 މެންބަރުންނެވެ. ބަޖެޓް ފާސްކުރުމަށް ވޯޓް ދެއްވާފައިނުވަނީ ކާށިދޫ ދާއިރާގެމެންބަރު ޢަބްދުﷲ ޖާބިރު އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓަށް 200 މިލިއަން އިރުރުކޮށް ބަޖެޓަށް އިތުރު ބައެއް ބަދަލުތައްވެސް ބަޖެޓް ދިރާސާކުރި މަރުހަލާގައި ގެނެސްފައިވެއެވެ. އެގޮތުން ބަޖެޓް ހުށައެޅިއިރު އޮތް ބަޖެޓްގެ ދަރަނި ވަނީ 17.5 ބިލިއަން ރުފިޔާއިން 12.3 ބިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. އަދި ދައުލަތަށް އާމްދަނީ ލިބޭނެ ގޮތްތަކަށްވެސް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން މިހާރު ބަޖެޓް ފާސްކުރިއިރު، ބަޖެޓަށް ފައިނޭންސް ކުރުމަށް އިތުރަށް ފައިސާ ހިމަނާފައިވާ ކަންކަމުގެ ތެރޭގައި:

ޓީޖީއެސްޓީ: 591 މިލިއަން ރުފިޔާ
ގްރީން ޓެކްސް: 253 މިލިއަން ރުފިޔާ
އެއަރޕޯޓް ސާރވިސް ޗާޖް: 218 މިލިއަން
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 219 މިލިއަން ރުފިޔާ
ބިން ވިއްކުމާއި ބިން ބަދަލުކުރުން 700 މިލިއަން ރުފިޔާ
އެހެން ކުއްޔާ ހަރުމުދާގެ ގޮތުގައި: 1.3 ބިލިއަން ރުފިޔާ

ބަޖެޓް ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ބަޖެޓޤ ފޮނުވިއިރު ވަނީ މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވެއެވެ.

ބަޖެޓް ބަހުސް މަރުހަލާގައާއި އަދި ބަޖެޓް ދިރާސާކޮށް ތަޅުމަށް ފޮނުވުމަށްފަހު މެންބަރު ކުރެއްވި ބަހުސްތަކުގައި ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުންވެސް ވަނީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްޞާކޮށް ދަރަނި ބޮޑުކަމުން އެކަން އެމްޑީޕީގެ މެންބަރުންވެސް ފާހަގަކުރައްވާފައިވެއެވެ. އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއްކަމުން އެބަޖެޓަށް ވޯޓު ދެއްވަން ފުރުޞަތު ލިބިވަޑައިގެންފިނަމަ ވޯޓް ނުދެއްވާނެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ކޮމިޓީ ރިޕޯޓަށް ބަހުސް ކޮށްފައިވަނީ އެންމެ 37 މެމްބަރުންނެވެ. ބަޖެޓަށް މެމްބަރުން ބަހުސް ކުރެއްވުމަށް ހޭދަކޮށްފައިވަނީ 4 ގަޑިއިރާއި 7 މިނިޓެވެ. ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންގެ ޝައުގުވެރިކަން ކުޑަވުމުން މަޖިލިސް ރައީސް ނަޝީދުގެ ނުރުހުން ވަރަށްބޮޑަށް ވަނީ މެމްބަރުންނަށް އަމާޒުކޮށްފައެވެ.

ނަމަވެސް އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހެޅިފައިވާ ބަޖެޓަކީ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ފުރިހަމަ ބަޖެޓުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ބަޖެޓުގައި ދަރަނި ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި އަބުރާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތް އިތުރުވުމުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، އަންނަ އަހަރު ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުތަކަކީ އިޤްތިޞާދީ ޙާލަތުގައި ނުބައްދަލު ބޮޑެތި މަޝްރޫޢުތަކެއްކަމަށްވުމުން، ކޯވިޑް-19 ގެ ސަބަބުން އަންދާޒާކުރިވަރަށް ދައުލަތަށް އާމްދަނީ ނުލިބިއްޖެނަމަ ކޭޝްފްލޯ މެނޭޖްމަންޓް ދަތިވެ މަޝްރޫޢުތައް ނުހިންގުން އެކަށީގެންވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރު ޢަލީ ޙާޝިމްވެސް ވިދާޅުވެފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ 2021 ވަނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވާނީ "ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ" ޕްލޭންގައި އިސްކަންދީގެންކަމަށެވެ. މި ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރެއިން ކޯވިޑް-19ގެ ޙާލަތަށް ރިޢާޔަތްކޮށް، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލި "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް އެންޑް ރިކަވަރީ" ގެ މަޝްވަރާގެ މަތިންނެވެ. މި މަސައްކަތުގެ ތެރޭގައި، ވަރކިންގ ގްރޫޕްތަކުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި ރާއްޖޭގެ ތަޖުރިބާކާރުންނާ މަޝްވާރާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.