ފުލުހެއްގެ ރޯލުން ބޮލީވުޑްގެ ދަބަންގް ގާލް ގެ ގޮތުގައި މަޝްހޫރު ވެފައިވާ ސޮނާކްޝީ ސިންހާ ފެނިގެންދާ ފިލްމް "ދަހާޅް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
މެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދޭ "ދަހާޅް " އަކީ ސިލްސިލާ އެކެވެ. ސޮނާކްޝީ އާއި އެކުގައި މީގެ ލީޑުން ފެނިގެންދާނީ ވިޖޭ ވަރްމާ އެވެ. މިގައި ސޮނާކްޝީ ފެނިގެން ދާނީ ވަރުގަދަ ފުލުހެއްގެ ގޮތުގައިއެވެ.
ޓީޒާ ރޫޅީގެން ދަނީ ކުއްޖަކު ގެއްލިގެން ކުރާ ތަހުގީގަކުން އެތަށް ބައެއްގެ ފުރާނާ ގެއްލިފައިވާކަން އެނގިގެންދާ ހިސާބުންނެވެ. 27 އަންހެނެއް ގެ ހަށިގަނޑު ފެންނަ އިރުގައި މި ހުރިހާ މީހުންވެސް އަމިއްލަ އަށް މަރުވުމަށް މަސައްކަތް ކުރި ކަމުގެ ނިޝާން ތަށް ފެންނަ ކަމަށް ޓީޒާއިން ބުނުމާއި އެކުގައި ޓިޒާ ފެށިގެންދެއެވެ.
"ދަހާޅް" އަކީ ސޮނާކްޝީގެ ފުރަތަމަ ސީރީޒެވެ. މީގެ ކާސްޓްގައި ސޯހަމް ޝާހްގެ އިތުރުން ގުލްޝަން ދެވިއާ ވެސް ހިމެނެ އެވެ. "ދަހާޅް" ޑައިރެކްޓްކުރީ ރީމާ ކަގްތީ އާއި ރުޗިކާ އޮބެރޯއީ އެވެ. މި ސިލްސިލާ ޕްރިމިއާ ކުރާނީ އަންނަ މަހުގެ 3 ގައި އެވެ.
"ދަހާޅް" އަކީ ސޮނާކްޝީ ގެ ފުރަތަމަ ސީރީޒް އަށް ވީ ނަމަވެސް އޭނާ އަންނަނީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަމުން އަންނަ ސީރީޒް ""ހީރާމަންޑީ" ގެ ވެސް މުހިންމު ރޯލެއް ކުޅެމުންނެވެ. ނަމަވެސް އެ ސީރީޒް ރިލީޒް ކުރާނެ ދުވަހެއް އަދިވެސް ނޭގެއެވެ. ސޮނާކްޝީ އެންމެ ފަހުން ފެނިގެން ދިއައީ މިދިއަ އަހރުގެ ފިލްމް "ޑަބަލް އެކްސްއެލް" އިންނެވެ.
ކޮމެންޓު ފޮނުވާ