ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށް ގާނޫނަށް އިސްލާހުގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މިގޮތުން މިއަދުޖެ މަޖިލިސް ޖަލްސާއަށް މިހާރު އެޖެންޑާ ކޮށްފައިވަނީ ސަރުކާރުގެ ފަރާތުން، ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު ހުށަހަޅުއްވާފައިވާ، ޤާ ނޫނު ނަންބަރު 2022/24 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް ފެށުމަށެވެ.
މިގާނޫނަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ "އެއްވެސް ފަރާތަކުން ދިވެހިރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް" ކަމުގައެވެ.
ފާއިތުވި 2022 ވަނަ އަހަރުގެ ޑިސެމްބަރުމަގެ 18ވަނަ ދުވަހު ރައީސް ސާލިހު ތަސްދީގު ކުރެއްވި ކުނި މެނޭޖް ކުރުމާބެހޭ ގާނޫނުގެ 44 ވަނަ މާއްދާގައިވާގޮތުން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައަކާއެކީ ރާއްޖެއަށް ކުނި އެތެރެ ކުރުމަކީ ހުއްދަ ކަމެކެވެ. އަދި އެ މާއްދާގައި ވާގޮތުން ރާއްޖެއަށް ކުނި އެތެރެ ކުރުމަށް ހުއްދަ ދޫކުރުމަށް މިނިސްޓްރީން ގާވާއިދެއްވެސް އެކުލަވާލަން ޖެހެއެވެ.
އެހެންނަމަވެސް މިހާރު ގާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން އެއްވެސް ފަރާތަކުން ރާއްޖެއަށް ކުނި އެތެރެ ކުރުމަކީ މަނާކަމެވެ.
ރާއްޖެއަށް ކުނި އެތެރެ ކުރުމުގެ ހުއްދަ ލިބޭގޮތަށް ކުނި މެނޭޖް ކުރުމާބެހޭ ގާނޫނު 2022 ވަނަ އަހަރު ތަސްދީގު ކުރުމާއެކު ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭރު އަމާޒުވެގެން ދިޔައެވެ.