ބަޖެޓަކީ ރައްޔިތުންނަށް ގެއްލުންހުރި ރަށްމެދު ބަޖެޓެއް: ސައީދު

ބަޖެޓަކީ ރައްޔިތުންނަށް ގެއްލުންހުރި ރަށްމެދު ބަޖެޓެއް: ސައީދު

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 10:46
0

އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް، ބަޖެޓާއި ހަވާލުވާނެ ބަޔަކުވެސް ނެތް ރަށްމެދު ބަޖެޓެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ހުޅުވާލި ބަހުސްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިބަޖެޓަކީ  ގެއްލުން ހުރި ބަޖެޓެއްކަން، ބަހުސްގެ މަރުހަލާއިންވެސް ސާފުވެގެންދާކަމަށެވެ. ބަހުސްގައި ވާހަކަ ދައްކާނެ މެމްބަރަކު ނެތި ޝައުގުވެރިކަން ކުޑަވެގެންދަނީ ބަޖެޓަކީ ރައްޔިތުންނާއި، މަޖިލީހުގެ މެމްބަރުންނާއިވެސް ދުރު ބަޖެޓަކަށް ވުމުންކަމުގައި ސައީދު ވިދާޅުވިއެވެ.

އާމްދަނީ ލިބޭނެ ހުރިހާ ވުޒާރާއެއް އޮތީ ކޯލިޝަންގައި. މިބަޖެޓަކީ ކޮންބައެއްގެ ބަޖެޓެއްކަން ސާފެއްނުވޭ. ބަޖެޓްގޯސްކަން ބަހުސްއަށް ބަލައިލުމުންވެސް ހާމަވޭ. ވާހަކަ ދައްކާނެ މެމްބަރެއްނުވޭ. މިއީ ބޮޑުތަނުން ގޯސް، ވަރަށް ގޯސް ބަޖެޓެއް.

– ސައީދު ވިދާޅުވިއެވެ.

ބަޖެޓުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާނެ ކަންކަން ހާސިލްނުވެ ދައުލަތް މިއަދު އޮތީ ކޯލިޝަނެއްގެ ތެރޭގައި ތާށިވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ޤައުމަށް ފައިސާ ވަންނަ ހުރިހާ ވުޒާރާއެއް ކޯލިޝަންގެ އަތްމަތީގައި އޮވެ، އެއިން ވުޒާރާއަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެމުން މިއަދު ފެންގެންދަނީ އިޤްތިޞާދީ ބޮޑު އަދަވަޅަކަށް ވެއްޓިފައިވާ މަންޒަރުކަމަށެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެއާޕޯޓްތަކުގެ ހިންގުމާއި، މިނޫންވެސް އާމްދަނީ ލިބެންހުރި ގިނަ ވުޒާރާތަކެއް ހުއްޓި ޤައުމު ނިކަމެތި ވަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

އެމްޑީޕީން ވެރިކަމަށް އައީ ޖަޒީރާ ރާއްޖޭގެ ނަމުގައި ކަމަށްވިޔަސް ފެނިގެންދަނީ ކޮންކްރީޓް ތަރައްޤީއާއި، މާލެއަށް ބަޖެޓް އޮއްސާލާ މަންޒަރުކަމަށް ސައީދު ވިދާޅުވިއެވެ. ބަޖެޓުގެ 80 އިންސައްތަ ފައިސާ މާލެސަރައްހައްދައް ޚަރަދު ކުރަން ނިންމާފައިވާއިރު، އަތޮޅު ތެރޭގެ ތަރައްޤީއަށް އޮތީ އެންމެ 20 އިންސައްތަ ކަމަށެ. މިއީ ރައްޔިތުންނަށް ކުލަ ހުވަފެން ދެއްކުމަށްފަހު އަތޮޅު ތެރޭގެ ރައްޔިތުންނަށް ވެފައިވާ ވަރަށްބޮޑު ޚިޔާނާތެއްކަމަށް ސައީދު ވިދާޅުވިއެވެ.

ޖަޒީރާ ރާއްޖެއޭ ކިޔާފަ މިއޮތީ ކޮންކްރީޓަށް ހުޅުވާލެވޭ ބަޖެޓެއް ހުށަހަޅާފަ. މަނިކުފާނަކީ ކޮންކްރީޓް ތަރައްޤީއޭ ބުނީމާ ހޮޑުލެވޭ ކަމަށް ވިދާޅުވި ބޭފުޅެއް މަޖިލިސް ރައީސަކަށް ތި އިންނެނީ. މިއަދު މީހުން ނޫޅޭ ހަނަފަސް ބިމަކަށް ބްރިޖެއް އަޅަން ބަޖެޓުގެ 20 އިންސައްތަ ތިއޮތީ ކަނޑައަޅާފަ. މާލެ އަށް 80 ޕަސެންޓު ބަޖެޓުން އަޅާއިރު، އަތޮޅު ތެރެއަށް އޮތީ އެންމެ 20 ޕަސެންޓް.

– ސައީދު ވިދާޅުވިއެވެ.

ސައީދު ވަނީ މިބަޖެޓަކީ ރައްޔިތުންނާއި ދުރު، ބަޖެޓަކަށްވުމުން ބަޖެޓަށް ވޯޓު ދެއްވުމާއިމެދު މެމްބަރުން ވިސްނުމަށް އެދިވަޑައިގެންފައެވެ. އަދި ބަޖެޓަކީ ދަރަނި އިންތިހާ އޮތް ބަޖެޓަކަށްވުމުން ދަރަނިން ސަލާމަތްވާނެ ގޮތެއްވެސް ބަޖެޓުން ފެންނަން ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.