ރާއްޖެއާއި ޗާގޮސްގެ އިމުގެ މައްސަލަ ނިންމުން އަންނަ ހުކުރު ދުވަހު!

ރާއްޖެއާއި ޗާގޮސްގެ އިމުގެ މައްސަލަ ނިންމުން އަންނަ ހުކުރު ދުވަހު!

Author
ހުސެއިން
23 އޭޕްރިލް 2023 08:57
0

ބައިނަލް އަގުވާމީގޮތުން މޮރިޝަސްގެ ބައެއްގެ ގޮތުގައި މިހާރު ނިންމާފައިވާ، އަދި ރާއްޖެއިން އެގޮތަށް ޗާގޮސް ބަލައި ގަތުމާއި ގުޅިގެން، ފުށުއަރާ ދެގައުމުގެ ކަނޑުގެ ސަރަހައްދުގެ، ސަރަހައްދީ އިމާއި ގުޅޭ މައްސަލައާމެދު ބައިނަލްއަގުވާމީ ކޯޓުގައި ގޮތެއް ނިންމުން އަންނަ ހުކުރު ދުވަހަށް ތާވަލް ކޮށްފިއެވެ.

މިމައްސަލަ ކޯޓުގައި ކުރިޔަށްދާތާ އެތައް ދުވަހެއް ވުމަށްފަހު މައްސަލަ ނިންމުމަށް ތާވަލް ކޮށްފައިވާއިރު، މިމައްސަލައަކީ ފާއިތުވެދިޔަ ތަނުގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށްބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައެވެ. މިގޮތުން، އެންމެ ފުރަތަމަ ދިވެހި ސަރުކާރުން ދަމައްހައްޓަމުން އައި ސިޔާސަތު ބަދަލުކޮށް، ރާއްޖެއިން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނީ، މޮރިޝަސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލުމަށް ނިންމާފައިވާ ކަމުގައެވެ.

މި މައްސަލާގައި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ހޯދަން، ކަމާބެހޭ ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލާގައި ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރުމަހު ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ވަނީ، ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާއި އެއްކޮޅަށް ޔޫއެންގައި ވޯޓުދޭން ރާއްޖެއިން ނިންމާފައިވާކަން ހާމަ ކުރައްވާފައެވެ.

އެހެންނަމަވެސް މިމައްސަލަ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އިތުރަށް ހޫނުވެގެން ދިއުމާއެކު، އޭޖީ އޮފީހުން ބުނެފައިވަނީ، ބައިނަލްއަގުވާމީ ހަމަތަކާއި މުވާހަދާތަކުން ރާއްޖެއަށް ހައްގުވާ، ބޭސްލައިނުން ފެށިގެން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަހައްދުގެ, އިމުގެ މައްސަލާގައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުއާހަދާ)ގެ ދަށުން މައްސަލަ މައުލޫއީ ގޮތުން އިޓްލޮސް (ބައިނަލްއަގުވާމީ ކޯޓު)އިން ބަލައި، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަަހައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ ކަމަށެވެ.

މިގޮތުން، ފޯޅަވަހި ބައިނަލްއަގުވާމީ ގޮތުން މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެން ދާއިރު، ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބަޔާންކުރާ، ބޭސްލައިނުން ފެށިގެން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަހައްދަކީ އެގައުމެއްގެ އިގުތިސާދީ ސަރަހައްދުކަމަށް ބުނާ މިސަރަހައްދުގައި މައްސަލަ އުފެދިފައިވަނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި، ފޯޅަވަހީގެ ބެހިމް ފަރުން ފެށިގެން ބޭރަށްއޮތް 200 ނޯޓިކަލް މޭލުގެ ސަރަހައްދާ ފުށުއަރާ ހިސާބުންނެވެ. ފޯޅަވަހިން ބޭރަށް އޮންނަ 200 ނޯޓިކަލް މޭލުގެ ސަރަަހައްދު، ފޯޅަވަހީގެ ބެހިމް ފަރުން ފެށިގެން ކަޑައަޅާއިރު، ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ފުށުއަރާތީއެވެ. މިގޮތުން ފުށުއަރާ ސަރަހައްދުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ތެރެއިން ގާތްގަޑަކަށް 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެއެވެ.

އެހެންނަަމަވެސް ބައިނަލްއަގުވާމީ ކޯޓުގައި ރާއްޖެއިން ވަކާލާތު ކުރަމުން ގެންގޮސްފައިވަނީ، ފޯޅަވަހީގެ ބެހިމް ފަރު ތިލަވެފައި އޮންނަނީ ހަމައެކަނި ތިލަ ދިޔާގައި އެކަނިކަމަށްވާތީ، މި ފަރުން ފެށިގެން ބޭރަށް 200 މޭލު ހިސާބު ނުކުރެވޭނެކަމަށް ބުނެއެވެ. އަދި ބޭސް ޕޮއިންޓުގެ ގޮތުގައި ބަލަންޖެހޭނެކަމަށް ރާއްޖެއިން ވަލާތު ކޮށްފައިވަނީ 200 މޭލުގެ އިން ވަކުރުމަށް ފަށަންޖެހޭނީ މީހުންނަށް ދިރިއުޅެވޭ ގޮތަށް އޮންނަ ހިކިފަސް ތަނަކުން ކަމުގައެވެ. އެއުސޫލަށް ކޯޓުން ނިންމައިފިނަމަ، ފުށުއަރާނޭކަމަށް ބެލެވެނީ 4،687 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ފުށުއަރާކަމަށް މޮރިޝަސްއިން ވަކާލާތުކުރާ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދުގެ %5 އެވެ.

އެހެންކަމުން މައްސަލަ ރާއްޖެއާއި އެއްކޮޅަށް ނިމިގެންދިޔަ ނަމަވެސް، ރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ރާއްޖެއިން މިހާރުވެސް ދައުވާކުރަމުންދާ ބައިގެ ކޮންމެވެސް މިންވަރެއް ރާއްޖެއަށް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުކަމުގައި ވަނީ ބެލެވިފައެވެ.

އެހެންނަމަވެސް މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ކުރިން ވިދާޅުވެފައިވަނީ، ޗާގޮސްއަކީ ރާއްޖޭގެ ބައެއްކަމަށް ވާހަކަ ދައްކަވާ ބޭފުޅުން އެވާހަކަ މިއަދު ދައްވަކަނީ، އިސްލާމް ދީން ދޫކުރައްވާ އިންޑިއާގެ ގޯވާއަށް ގޮސް އެތަނުގައި ހުންނަވައިގެން ރާއްޖެ ކުރިސްޓިއަން ދީނަށް އަބުރާލެއްވުމަށް މަސައްކަތް ކުރެއްވި، 9ވަނަ ހަސަަން ރަސްގެފާނު ގޯވާގައި ހުންނަވައިގެން، ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ބާރުގެ ދަށުގައި ރާއްޖެ ބާއްވާ، އެކަން ޕޯޒުގީޒުންނަށް ދެއްކެވުމަށް ލިޔުއްވާފައި ލިޔުއްވުމެއްގެ ވާހަކައަށް ރިއާޔަތްކޮށް ކަމަށެވެ.

މިމައްސަލާގައި، މި ސަރުކާރުން ރާއްޖޭގެ ބައެއް ވިއްކާލުމަށް އެއްބަސްވެގައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން ޝާހިދު ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ބިން ވިއްކާލެވޭ ގޮތަައް ރައީސް ޔާމިންގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ބަދަލު ގެނައި ކަމަށާ އެހެންނަމަވެސް އެ އިސްލާހުތައް ބާތިލްކޮށް ރާއްޖޭގެ އެއްވެސްތަނެއް އެއްވެސް ބަޔަކަށް ނުވިއްކޭ ގޮތަށް އަލުން ބަދަލު ކުރީ ރައީސް ސާލިހުގެ ސަރުކާރުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.