އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަނާ 3-3 އިން އެއްވަރުވެ، ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އަތުން އަނެއްކާ ވެސް ޕޮއިންޓް ގެއްލި، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ ލީގުގެ ކުރިއަށް ޖެހިލަން ފުރުސަތު ފަހިވެއްޖެއެވެ.
މިއީ ލީގުގައި އާސެނަލަށް މޮޅެއް ނުލިބި، އެއްވަރުވި ތިން ވަނަ މެޗެވެ. ރޭ ސައުތެމްޓަންއާ ކުޅުމުގެ ކުރިން، އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސްޓް ހޭމް ޔުނައިޓެޑާއި ލިވަޕޫލާ ދެކޮޅަށް އާސެނަލް އެއްވަރުވީ ފުރަތަމަ ދެ ގޯލުގެ ލީޑެއްނަގައިފައެވެ.
އެކަމަކު، ރޭ އާސެނަލް ކޮޅަށް ވަނީ 14 މިނިޓް ތެރޭ ދެ ގޯލު ވަދެފައެވެ. އެ ގޮތުން މެޗު ފަށައިގެން 28 ވަނަ ސިކުންތުގައި އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ހެދި ގޯހެއްގެ ފައިދާނަގައި، ސައުތެމްޓަނަށް ކުޅޭ 20 އަހަރުގެ އާޖެންޓީނާ ފޯވާޑް، ކާލޮސް އަލްކަރާޒް ވަނީ ސައުތެމްޓަން އަށް ލީޑުނަގައިދީފައެވެ. އަދި އަލްކަރާޒް ދިން ބޯޅައަކުން 14 ވަނަ މިނިޓްގައި ސައުތެމްޓަން އަށް ލީޑުފުޅާކޮށްދިނީ ކުރިން އާސެނަލަށް ކުޅުނު ތިއޯ ވޮލްކޮޓްއެވެ.
މެޗުގެ 20 ވަނަ މިނިޓްގައި ސައުތެމްޓަން ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ބުކާުޔޯ ސަކާ ނެގި ހުރަހަކުން ގަބްރިއެލް މާޓިނެލީ ވަނީ ގޯލެއް ޖަހައިފައެވެ.
ދެ ވަނަ ހާފުގައި ކުޅުން ފަށައި، މެޗުގެ 66 ވަނަ މިނިޓްގައި ސައުތެމްޓަންގެ ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޫޖް ޖަލެޓާ-ޖާ ވަނީ ބޮލުން ގޯލެއް ޖަހައި، ސައުތެމްޓަންގެ ލީޑުފުޅާކޮށްދީފައެވެ. އެކަމަކު، ފަހު ވަގުތު ހިތްވަރު ނެެރެ، އާސެނަލުން ވަނީ ދެ ގޯލު ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި އޮއްވައި، އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އެ ޓީމުގެ ދެ ވަނަ ގޯލު ޖެހިއިރު، އިތުރު ވަގުުތުގައި ސަކާގެ ރީބައުންސް ގޯލުން ވަނީ އެއްވަރުކޮށްފައެވެ.
ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން، އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ. ސިޓީން މިހާރު އޮތްގޮތުން، އާސެނަލާ މެޗު ހަމަކުރާއިރު، އެއް ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އާސެނަލަށް މި ވަގުތު 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސިޓީ އަށް ވަނީ 30 މެޗުން 70 ޕޮއިންޓް ލިބިފައެވެ.
ރޭގެ މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޔަގީނުން ވެސް ލީގުގެ ރޭހުގައި ދެން އެ ޓީމަށް އަމިއްލަ ބާރުގައި މަގާމު ދެމެހެއްޓޭނީ މި މަހު 26 ވަނަ ދުވަހު ރަށުންބޭރުގައި ކުޅޭ މެޗުން ސިޓީ ބަލިކޮށްގެން ކަމަށެވެ.