"މީވެރިކަން ކެރަނެ ލިހެކެނުން، މީ ގޫހުނިޔަކު ދަންޑެން ތޮޅުން"

"މީވެރިކަން ކެރަނެ ލިހެކެނުން، މީ ގޫހުނިޔަކު ދަންޑެން ތޮޅުން"

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 12:03
0

މިއަދު ރާއްޖޭގައި ވެރިކަން ކުރަމުންދާ ނިޒާމުގެ ތެރެއިން ފެނިގެންދަނީ ރައްޔިތުންނާއި ދުރުގޮތަކަށް ވެރިކަން ކުރާ މަންޒަރުކަމަށާއި، ސަލާންޖަހައިގެން ތަރައްޤީ ގެނައުމަށްވުރެ އަމިއްލަޔަށް ސީލުމަށްފަހު އެސީގައި ދަނޑިން ތެޅުންވެސް މާ ރަނގަޅުކަމަށްބުނެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވަޒީރުންގެ މަޖިލީހަށާއި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ބަހުސް ކުރަމުންދާ ބަޖެޓް ރިޕޯޓަށް ރަށު ބަހުން ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ މިއަދު ނިޒާމު އޮތް ގޮތުން ރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ނުކޮށްދެވޭނެ ކަމަށެވެ. މިއަދު ވެރިކަމުގެ ނިޒާމު އޮތް ގޮތުން ކޯލިޝަނުން މުޅިސަރުކާރު ހިސޯރުކޮށް ވެފައިވާ ވައުދުތައްވެސް ނުފުއްދޭ މިންވަރަށް ކަންކަން ގޮސްފައިވާކަމަށެވެ. މިނިޒާމުގެ ތެރެއިން ރައްޔިތުންގެ ވައުދުތަކައި، ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ނުވާނެކަމަށްބުނެ ސަނީްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަނީފް ވިދާޅުވީ މިއީ ވެރިކަމުގެ ނިޒާމުގެ ތެރެއިން ސަލާންޖަހަިއގެން ތަރައްޤީ ހޯދަންޖެހޭ ޒަމާނެއް ނޫންކަމަށެވެ. ނަމަވެސް ފެނިގެންދަނީ ވެރިކަން ކުރައްވަމުންދާ ނިޒާމުގެ ތެރެއިން އެ ސަގާފަތް އާލާކުރާ މަންޒަރުކަމަށެވެ.

އިއްޒަތްތެރި ރައީސް މިނިޒާމާ ބަދަލެ ކެރަންނަން ބަޖެހެއި. މިނިޒާމާ ބަދަލެކޮށްގެން ނުން ލިހެކާޓެ، އެހެލާންނަޓެ ސަނާ ކެޔޭގެން ވެރިންނަށް ތިބެނެ މީހެންނަޓެ ސަނާ ކެޔޭގެން ނުން ރައްޔިތުންނަށް ކަންނެތި ވެންނަން ޖެހެންނޯ. ރައްޔިތުންނަގެ ހައްގުގައި ރައްޔިތުންގެ މަންދޫބުން ވަކާލާތެ ކެރަނެއްޔާނެ. ރައްޔިތުންނޭ މަންދޫބުން ކެރަނެ ވަކާލާތާޓެ މިބަދަލެ އެނަން ޖެހެއި

– ސަނީފް ވަރަށް ޖޯޝުގައި ރަށު ބަހުން ވިދާޅުވިއެވެ.

ސަނީފް ވަނީ މިނިޒާމު ބަދަލު ކުރުމަށް މެމްބަރުންނާއި، މަޖިލިސް ރައީސްގެ ކިބައިގެން އެދިވަޑައިގެންފައެވެ. އަދި މިއަދު ސަރުކާރުން ވެފައިވާ ވައުދުތަކާއި، ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރެވޭނީ ވަޒީރުންނަށް ގުޅައި ސަލާންޖަހައިގެން ގެންނަ ތަރައްޤީ ބަދަލުކޮށްގެންކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގައި މެމްބަރުނެ ނުރުހުން ވީމައި، މެމްބަރު ގުޅީމައި ފޯނާ ނުނެގީމާއި، މިޔައްކޫ ވެރިކަން ކެރަނެން. މިޔަށް ކެޔަންނޯ ވަހަކާއްކޫ ގޫހުނިޔަކު ދަންޑެން ތޮޅުމާޔޯ މީތާއްކެޔައްނޯ. މިޔައްޓެން މާރަނގަޅެ ވެންނައި އަމިއްލާޓެ ގޫލާހައި އެގޫހުނިޔޭ ދަންޑެން ތޮޅިޔަސް.

– ސަނީފް ވަރަށް ޖޯޝުގައި ރަށު ބަހުން ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން މިއަދުވަނީ ބަޖެޓަށް ވަރަށްބޮޑަށް ފާޑުވިދަޅުވެފައެވެ. ޚާއްސަކޮށް އެކި ދާއިރާތަކަށް ތަފާތުކުރުން ގެންގުޅެފައިވާކަމަށް ވިދާޅުވެ މެމްބަރުންގެ ނުރުހުން ވަރަށްބޮޑަށް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.