ހާޝިމް ވަޒީފާއިން ކަނޑާލީ ދޮގު ތުހުމަތާއިއެކު، ފެނަކަ ސައީދަކީ އަނިޔާވެރިއެއް: ފިރުޝާން

ހާޝިމް ވަޒީފާއިން ކަނޑާލީ ދޮގު ތުހުމަތާއިއެކު، ފެނަކަ ސައީދަކީ އަނިޔާވެރިއެއް: ފިރުޝާން

Author
މުޙައްމަދު ޝަޒައިމް
21 އޭޕްރިލް 2023 12:25
0

ގދ.މަޑަވެލި ފެނަކައިގެ ވަޒީފާ އަދާކުރަމުންދިޔަ ހާޝިމް އަލީ ވަޒީފާއިން ކަނޑާލީ ދޮގު ތުހުމަތާއި އެކުގައި ކަމަށާއި، ފެނައިގެ އެމްޑީ އަހުމަދު ސައީދަކީ އަނިޔާވެރިއެއްކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝަން މިހެން ވިދާޅުވީ ފެނަކައިގެ ވަޒީފާ އަދާކުރަމުން ދަނިކޮށް ހާޝިމް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ހިއްސާ ކުރެއްވި މެސެޖެއްގައެވެ. ހާޝިމް ވަޒީފާއިން ވަކިކޮށްފައިވާކަން މިމަހުގެ 17 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީއެއްގައެވެ. ވަޒީފާއިން ކަނޑާލީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެ. ފިރުޝާނަކީ އެމްޑީޕީގެ ދެބައިވެފައިވާ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މެމްބަރަކެވެ.

ފެނަކައިން ހާޝިމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފެނަކައާއި އަލީ ހާޝިމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހު ހަމަވެފައި ވީމަމަވެސް، ހާޝިމްގެ ފަރާތުން ސައިޓް ތެރޭގައި މުވައްޒިފުންގެ މަސްލަހަތު ގެއްލޭފަދަ ވާހަކަ ދެއްކުމާއި، ހަވާލު ކުރެވިފައިވާ ސުޕަވައިޒަރުގެ ޒިންމާ އަދާނުކުރެވޭތީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފެނަކަ ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.

ހާޝިމް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން ފިރުޝާން ވިދާޅުވީ މިއީ ރައީސް ޞާލިހަށް ފެނަކަ ސައީދު ޔަގީންކޮށްދެއްވި އިތުރު އާއިލާއެއްގެ ވޯޓުކަމަށެވެ. މިފަދަ ދޮގު ހުތުމަތު އަޅުވައިގެން މީހުން ވަޒީފާއިން ވަކިކޮށްގެން އަނިޔާ ދިނުމަކީ އެގެ ނަތީޖާ ހިތިވާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މަޑަވެލީ އާއިލާއެއްގެ ވޯޓު ޔަގީންކޮށްފި. ދޮގު ތުހުމަތާއިއެކު ހާޝިމް އަލީ ވަޒީފާއިން ކަނޑާލީ. ފެނަކަ ސައީދުގެ ބުރަ މަސައްކަތުން. އެމްޑީޕީ ވައުދުތަކާއި ދުރަށްގޮސް، އަނިޔާވެރިކަން އިސްކޮށްގެން ވާނެ މޮޅެެއް ނެތްކަން ދިވެހި ތާރީހު ހެކިދޭ. ފެނަކަ ސައީދަކީ އަނިޔާވެރިއެއް.

– މެމްބަރު ފިރުޝާން ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލް ތަފާތުވުންތަކާއިއެކު މީގެ ކުރިންވެސް ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތައް ވަނީ ފެނަކަ ވަޒީފާއިން ވަކިކޮށްފައެވެ. މަޑަވެލީ ހާޝިމް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެދާއިރާގެ މެމްބަރު ފިރުޝާން ވަނީ ފެނަކަ އެމްޑީޕީ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ފެނަކައަކީ މިސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑެތި ކޮރަޕްޝަން އޮތް ކުންފުނިކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަނީ ބުނެފައެވެ. އެގޮތުން މަޖިލީހަށް ވަނީ ފެނަކައިން ކުންފިނިތައް ލައްވައި މަސައްކަތް ކުރުމަށްފަހު ދޭންޖެހޭ 2.7 ބިލިޔަން ރުފިޔާ ނުދީގެން އެމައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް އެމަސައްލަ ވަނީ ބޭރުކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.