ގދ. ހޯނޑެއްދޫ ފެނަށް ޖެހި، އެ ރަށަށް ފެން ހަދިޔާ ކުރަން ރަށު ކައުންސިލުން މިއަދު އެދިއްޖެއެވެ.
ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވާރޭނުވެހި ގިނަދުވަސް ވުމާ ގުޅިގެން ބައެއް ގޭގޭގެ ތާނގީތަކުން ވާރޭފެން ހުސްވެފައިވާ ކަމަށެވެ. އަދި އެގެތަކުގެ ރައްޔިތުން ފެން ނަގަމުން ދަނީ ވާރޭފެން ހުސްނުވާ ގެތަކުން ކަމަށް ވެސް އިއުލާނުގައި ވެއެވެ.
އެހެންކަމުން ހޯނޑެއްދޫގައި މިވަގުތު ރައްކާކޮށްފައި ހުރި ވާރޭފެން ހުސްވުމާ ގާތަށް ގޮސްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ހޯނޑެއްދޫ ކައުންސިލުން ވަނީ އެރަށުގެ އާންމު ރައްޔިތުންނަށް ބޯފެން ހަދިޔާކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އަދި ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުއާޒް މުހައްމަދު އަދި ކައުންސިލް އެގްޒެކެޓިވް އިނާޔަތަށް ގުޅައިގެން އިންތިޒާމުތައް ހަމަޖެއްސުމަށް ވެސް އެ އިއުލާނުގައި ވެއެވެ.
ހޯނޑެއްދޫއަށް ވާރޭނުވެހި ގިނަ ދުވަސްވެފައިވާއިރު، މިހިނގާ އޭޕްރީލް މަހާއި މެއި މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރުވެސް މެއެވެ.
އެރަށު ކައުންސިލުން މިއަދު ބުނީ މިއަދު ފެނަކައިން ފެން ފޯރުކޮށް ދޭނެ ކަމަށް ބުނާ ކަމަށެވެ. އެ ކުންފުނިން ފެން ފޯރުކޮށް ދިނުން ލަސްވެފައި ވުމުން، ހޯނޑެއްދޫ ހިމެނޭ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.