އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑުކޮށް ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ލީޑްސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ ހަ ލަނޑު އެއްލަނޑުންނެވެ. މިއީ ޕްރިމިއަރ ލީގުގައި ލީޑްސް އަމިއްލަ ދަނޑުގައި އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.
ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގެ ކުރީ ކޮޅު ދެޓީމްގެ ފާތުންވެސް ފެނިގެންދިޔައީ ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔަ ތަނެވެ. ނަމަވެސް މިކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނެގޭގޮތްވީ ލިވަޕޫލަށެެވެ. މިގޮތުން މެޗްގެ 35 ވަނަ މިނެޓްގައި ކޯޑީ ގަކްޕޯވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ލިވަޕޫލަށް ނަގާދީފައެވެ. އަދި މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން މުހަންމަދު ސަލާހްވަނީ ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގެ ދެވަނަ ހާފްގެ ފެށުން ރަނގަޅު ވެގެންދިޔައީ ލީޑްސްގެއެވެ. މެޗްގެ 47 ވަނަ މިނެޓްގައި ލީޑްސްގެ ލުއިސް ސިނިސްޓޭރާ ވަނީ ލަނޑެއް ޖަހާ ދެޓީމްގެ ފަރަގު ކުޑަކޮށްދީފައެވެ. މިމެޗްގައި ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗްގެ 52 ވަނަ މިނެޓްގައި ޖަހާދިނީ ޑިއޮގޯ ޖޮޓާއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ދެވަނަ ލަނޑު ޖަހާދިން ސަލާހް ކާމިޔާބުކޮށްދިން އިރު އެޓީމްގެ ފަސްވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ތިންވަނަ ލަނޑު ޖަހާދިން ޖޮޓާއެވެ. މިމެޗްގައި ލިވަޕޫލްގެ ފަހު ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ޖަހާދިނީ ޑާވިން ނޫނޭޒްއެވެ.
މިކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ 30 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް ހާމަކުރިގޮތުގައި މިއީ މިސީޒަންގައި އޭނާގެ ޓީމުން ދެއްކި އެންމެ މޮޅު ކުޅުމެވެ. މިމެޗުން ބަލިވުމުން ލީޑްސް އުޅެނީ 29 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.