އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކޮށް އަންނަ ސީޒަނުގައި ޔޫރަޕުގައި ކުޅުމަށް އޮތް ފުރުސަތު ބްރައިޓަންއިން ބޮޑުކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗް ބްރައިޓަން ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. ނަމަވެސް މިމެޗްގެ ފެށުން ރަނގަޅުވީ ޗެލްސީގެއެވެ.
މިގޮތުން މެޗްގެ 13 ވަނަ މިނެޓްގައި ޗެލްސީއިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކޯނޯ ގެލެގަރއެެވެ. މިއީ ހަތަރު މެޗަށްފަހު ޗެލްސީއަށް މެޗެއްގައި ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ބްރައިޓަންއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ޑެނީ ވެލްބެކްއެވެ. އަދި މިމެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހާދިނީ އުމުރުން 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ ހޫލިއޯ އެންސީކޯއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މިކާމިޔާބީއާއެކު ބްރައިޓަންއިން މިވަނީ މިދިޔަ ހަފްތާގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން ރެފްރީންގެ މައްސަލައާއެކު ބަލިވި ބަލިވުން ހަނދާން ނައްތާލާ އާފެށުމަކުން އަނެއްކާވެސް ފަށާ ޔޫރަޕަށް ކުރާ އުންމީދު އާކޮށްފައެވެ. ބްރައިޓަން އިން މިހާރުވަނީ ކުޅުނު 29 މެޗުން 49 ޕޮއިންޓް ހޯދާ ތާވަލްގެ ހަތްވަނައިގައެވެ.
އަދި ފަސްވަނަ އާއި ހަވަނައިގާ އުޅޭ ސްޕަރސް އާއި އެސްޓަން ވިލާ އަށް ވުރެ ދެމެޗް މަދުން ކުޅެފައިވުމުން އެދެމެޗް ކާމިޔާބު ކުރެވިއްޖެ ނަމަ ފަސްވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު ބްރައިޓަންއަށް އެބައޮތެވެ. އަދި މިމެޗުން ބަލިވުމުން ޗެލްސީ އުޅެނީ 39 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިގައެވެ.