އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މިވަގުތު ވަރަށް ފޯމްގައި ކުޅެމުންދާ ސިޓީއިން މިމެޗް ފެށީވެސް ވަރަށް ފޯމުގައެވެ. މިގޮތުން މެޗްގެ ފަސްވަނަ މިނެޓްގައި ސިޓީއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޖޯން ސްޓޯންސްއެވެ. އަދި އޭގެ އަށް މިނެޓްފަހުން ސިޓީގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަރލިންގ ހާލަންޑްއެވެ.
އަދި މެޗްގެ 25 ވަނަ މިނެޓްގައި ސިޓީއިން މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ހާލަންޑް ޖަހާދިނެވެ. މިލަނޑާއެކު މިސީޒަންގައި ހާލަންޑް ޕްރިމިއަރ ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު މިވަނީ 32 އަށް އަރާފައެވެ. އަދި މިއާއެކު ހާލަންޑް މިވަނީ މިފޯމެޓަށް ޕްރިމިއަރ ލީގުގެ ކުޅުން ފެށިފަހުން މިހާތަނަށް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހާ ލިވަޕޫލްގެ މުހަންމަދު ސަލާހް ހަދާފައިވާ ރިކޯޑާއި އަރާހަމަކޮށްފައެވެ.
މިމެޗްގެ ދެވަނަ ހާފްގައި ސިޓީއަށް ގިނަ ބަދަލުތަކެއް ގެނައުމާއެކު ލެސްޓަރގެ ކުޅުން ރަނގަޅުވެ މެޗްގެ 75 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ތަފާތު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކެލޭޗީ އިއަނާޗިއޯއެވެ. އަދި މެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ލެސްޓަރއަށް ލަނޑު ޖަހާނެ ރަނގަޅު ދެފުރުސަތެއް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.
މިކާމިޔާބީއާއެކު ސިޓީ މިހާރު ވަނީ ކުޅުނު 30 މެޗުން 70 ޕޮއިންޓް ހޯދާ ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާ ތިން ޕޮއިންޓަށް ކައިރިކޮށްފައެވެ. ނަމަވެސް އާދީއްތަ ދުވަހުގެރޭ އާސެނަލުން ވެސްޓް ހޭމް ޔުނައިޓެޑައި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބުކޮށްފި ނަމަ އަނެއްކާވެސް އެފަރަގު ހަ ޕޮއިންޓަށް އިތުރު ވެގެންދާނެއެވެ.