ގެވެށި ގުޅުން ކެމްޕެއިންގެ ލޯގޯއާއި ޝިއާރު ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރަން ރައީސް ނިންމަވައިފި

ގެވެށި ގުޅުން ކެމްޕެއިންގެ ލޯގޯއާއި ޝިއާރު ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރަން ރައީސް ނިންމަވައިފި

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 06:32
0

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރު ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

އެގޮތުން އިނގިރޭސި ބަހުން މި ޝިޢާރު ބޭނުންކުރައްވާނީ، "Prevent domestic violence" މިގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ހިންގަވާ ޤައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިޢާރު، އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ކުރިއަށް އޮތް 1 އަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ޖެއްސެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފިހުން ވިދާޅުވިއެވެ.

ގެވެށި އަނިޔާއިން ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ޤައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި ލޯގޯއާއި ޝިޔާރު ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކުގައި ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، "ގެވެށި ގުޅުން" މިނަމުގައި ކެމްޕެއިން ސަރުކާރުން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެކެމްޕެއިން އިފްތިތާހުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަކީ މުޖުތަމަޢުގެ ތެރޭގައި ހުރި ގިނަ މައްސަލަތަކެއް މެދުވެރިވާން ދިމާވާ އެއް ސަބަބު ކަމަށާއި، މި މައްސަލައަކީ ޒަމާންތަކެއް ކުރިން ފެށިގެން މިހާތަނާއި ހަމައަށް އައިސްފައިވާ، ފަނާކުރަނިވި މައްސަލައެއްކަމަށެވެ. ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް ނުކުޅެދިފައި އޮތްކަން ފާހަގަކުރައްވާ، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ. ‎އަދި، ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައަށް ނޫނެކޭ ބުނުމުގެ ޙައްޤާއި، ފުރުޞަތާއި، ހިތްވަރު ކޮންމެ މީހަކަށްވެސް ލިއްބައިދޭން ޖެހޭ ކަމަށާއި، އަދި އެ ޙައްޤު ރައްކާތެރިކޮށްދޭ ދައުލަތެއް ބިނާ ކުރުމަކީ އެމަނިކުފާނުގެ އެންމެ އިސް އެއް ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.