ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކަރ ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމް ޑިސެންބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިއްޖެއެވެ.
މަޖިލިސް އިދާރާއިން ބުނެފައިވަނީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 7 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައިކަމަށެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެކަމަށެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖެހިފައެވެ. އަދި ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 7 ޑިސެންބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުން އެދެމެވެ. "އާސްކް ސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ، މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ދެވަނަ ޕްރޮގްރާމެވެ.
ކޮމެންޓު ފޮނުވާ