އަންހެން ކަނބަލުންނަށް ސުންނަތް ވެގެންވަނީ ފިރިހެނުންނަށް ވުރެ ފަހަތުން ހިނގުމަށެވެ. އަދި ފިރިހެނުންނާއި ވީހާވެސް ދުރުން ހިނގުމަށެވެ. އަންހެން ކަނބަލުންނަށް އެންމެ އައުލާކަން ބޮޑުވެގެން ވަނީވެސް ފަހަތު ޞަފުތަކެވެ.
ކީރިތި ރަސޫޅާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خَيْرُ صُفُوفِ الرِّجَالِ أَوَّلُهَا ، وَشَرُّهَا آخِرُهَا ، وَخَيْرُ صُفُوفِ النِّسَاءِ آخِرُهَا ، وَشَرُّهَا أَوَّلُهَا )[3] މާނައަކީ: "ފިރިހެނުންގެ ޞަފުތަކުން އެންމެ ހެޔޮކަން ބޮޑީ ފުރަތަމަ ޞަފެވެ. އެންމެ ނުބައީ ފަހަތު ޞަފެވެ. އަންހެނުންގެ ޞަފުތަކުން އެންމެ ހެޔޮކަން ބޮޑީ ފަހަތު ޞަފެވެ. އެންމެ ނުބައީ ފުރަތަމަ ޞަފެވެ."
އިމާމާ ސަލާމް ދިނުމާއި އެކު ލަސްނުކޮށް އަވަހަށް މިސްކިތުން ފައިބައިގެން ދިޔުމަކީ އަންހެން ކަބަލުންނަށް ސުންނަތްވެގެންވާ ގޮތެވެ. ޢުޛުރެއް ނެތި ލަސްނުކުރުން ހުއްޓެވެ. އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާގެ ކބައިން ރިވާވެގެންވެއެވެ.
(كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ قَامَ النِّسَاءُ حِينَ يَقْضِي تَسْلِيمَهُ ، وَمَكَثَ يَسِيرًا قَبْلَ أَنْ يَقُومَ قَالَ ابْنُ شِهَابٍ : فَأُرَى وَاللَّهُ أَعْلَمُ أَنَّ مُكْثَهُ لِكَيْ يَنْفُذَ النِّسَاءُ قَبْلَ أَنْ يُدْرِكَهُنَّ مَنِ انْصَرَفَ مِنَ الْقَوْمِ )[4] މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަލާމް ދެއްވުމާއި އެކު އަންހެންވެރިން ތެދުވެގެން މިސްކިތުން ނިކުމެގެން ދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުކޮޅަކު މަޑުކޮށްލައްވައެވެ. އިބްނު ޝިހާބު ރަޙިމަހުﷲ ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިކުމެވަޑައިނުގެން މަޑު ކުރައްވާ ސަބަބެއް ކަމުގައި ބޮޑަށް ބެލެވެނީ އަންހެންވެރިންނަށް މިސްކިތުން ނިކުތުމަށް ޖާގަ ދެއްވުމެވެ. އަދި ފިރިހެނުންނާއި އަންހެނުން އެއްވިޔަ ނުދެއްވުމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ."