ބޭރުގެ އެކި ޤައުމުތަކާއި ރާއްޖެއިން ގުޅުން ގާއިމްކުރާއިރު ވަކި ލިމިޓެއްގެ ތެރޭގައި އެ ގުޅުން އޮންނަންޖެހޭ ކަމުގައި ޖުމްހޫރީ ޕާޓީގެ ރައީސް ޤާއިމް އިބްރާހިމްގެ އެޑްވައިޒަރ އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިންޑިޔާ ސަރުކާރާއި ރާއްޖެއާ ދެމެދުވެފައިވާ އެއްބަސްވުންތަކާއި ގުޅޭގޮތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށައެޅުއްވި ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން އިންޑިއާއާއި ގުޅުން ބާއްވަން ދިވެހިން އެދޭ ކަމީ އެމަނިކުފާނު ކުޑަވެސް ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެކަމާ ދެކޮޅަށް އުޅެނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި އޮންނަންޖެހޭ ގުޅުން ބޭއްވުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް އެއްވެސް ޤައުމަކާއި އޮންނަ ގުޅުން ލިމިޓުން ބޭރުވެގެންދާގޮތަށް އޮތުމަކީ ކަންބޮޑުވާކަމެއްކަމަށް އިލްހާމް ވިދާޅުވިއެވެ.
އިންޑިއާ، ޗައިނާ އަދި އެހެނިހެން ޤައުމުތަކާއިއެކުވެސް ގުޅުން ބާއްވަން ދިވެހިން ތާއިދުކުރާނެ. އެހެންނަމަވެސް ލިމިޓެއްގެ ތެރޭގައި އެކަން ކުރަންވާނީ
– އިލްހާމް ވިދާޅުވިއެވެ.
ޝިޔާމް މަޖިލީހަށް މިއަދު ހުށައެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި އިންޑިޔާއާއެކު ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތިވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތްކަމަށެވެ.
800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއަރޕޯރޓް ބޮޑުކުރުމުގެ މަޝްރޫޢު އިންޑިޔާ ސަރުކާރުން ކުރާގޮތަށް އެއްބަސްވެފައިވުމާއި، 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން އިންޑިޔާއިން ހާމަކޮށްފައިވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ކްރިކެޓް ސްޓޭޑިއަމްއެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާތީއާއި މި ދެ އެއްބަސްވުމުގައި ހިމެނޭ އެއްވެސް ކަމެއް ރައްޔިތުންނަށް ހާމަކޮށްދީފައި ނުވާކަމަށްވެސް ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ