ފުޓްބޯޅަ ކުރިއަރުވަން ރާއްޖޭގައި ކުރާ މަސައްކަތްތަކަށާއި ރަށްރަށުގައި ސަރުކާރުން ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނާތީ ދުނިޔޭގެ ފުޓްބޯޅައި މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ހުރީ ކޮސްވެފައި ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހުލޫފަށް މެންބަރުންތަކެއް ކުރެއްވި ސުވާލުތަކުގެ ތެރެއިން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ކުރެއްވި ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި 50 ވަނަ ފުޓްބޯޅަ ދަނޑު ހުޅުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ އާއި ބައްދަލުވެ ދެކެވުނު ވާހަކައިގައި ރާއްޖޭގައި ފުޓްބޯޅަ ދަނޑުތައް އަޅާ ވާހަކަ ބުނުމުން އޭނާ ހުރީ ކޮސްވެފައިކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ކުޑަކުޑަ ގައުމެއްގައި އަޅުގަނޑުމެން ގޮސް 300 މީހުންނަށް ވެސް އަޅައި ދެން ދަނޑު. އެހެންވީމާ އުސޫލެއްގެ ގޮތުން ސަރުކާރުގެ ތެރެއިން ފުޓްބޯޅަ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އަޅުގަނޑުމެންގެ އެންމެ ޓޮޕް ލީގު ތެރޭގައި ދިމާވެގެން އުޅޭ މައްސަލައެއްގެ ވާހަކަ ކަންބޮޑުވުންތަކެއްގެ ގޮތުގައި ހަގީގަތުގައި މި އަންނަނީ. އެކަމަކު ވެސް އެކި ގޮތްގޮތުން މިނިސްޓްރީއަށް ދެވޭ ހުރިހާ އެއްބާރުލުމެއް އަބަދުވެސް އެފްއޭއެމަށް މި ދަނީ ދެމުން." މަހުލޫފް ވިދާޅުވިއެވެ.
ފުޓްސެލް ދަނޑު އަޅާ މިންވަރު ގިނަ ނޫންކަަމަށާއި، މާލޭގައި ހުރި ބައެއް ބިންތަކުގައި ފުޓްސަލް ދަނޑު އަޅަން ނިންމާފައިވާކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.
"އަޅަމުން މިދާ ފުޓްސެލް ދަނޑުތަކަކީ އެއްވެސް ފައިދާއެއް ނެތް ތަނެއްކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ވަރަށް ގޯސް ވިސްނުމެއް. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ނަމަ، އަޅުގަނޑުމެން އާސަންދައަށް ކުރާ ހަރަދުވެސް ކުޑަވެެގެން ދާނެ."މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފު ވިދާޅުވީ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައި ވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ