އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލާއި ލިވަޕޫލް ބައްދަލުކުރި މެޗު އެއްވަރުވުމުން، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ކުރީކޮޅު މޮޅަށް ކުޅެފައިވަނީ އާސެނަލްއިންނެވެ. މިގޮތުން އާސެނަލްއިންވަނީ މެޗްގެ އަށް ވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންސްގެ ތެރޭގައި ހެދުނު ގޯހެއްގެ ފައިދާ ނަގާ މެޗްގެ ލީޑުވެސް ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ގެބްރިއެލް މާޓިނެއްލީއެވެ.
މިލަނޑު އާސެނަލްއިން ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ލިވަޕޫލްގެ ޑިފެންޑަރ އެންޑީ ރޮބަރޓްސަންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މިމެޗްގައި ދެންވެސް ފެނިގެންދިޔައީ އާސެނަލްގެ ލަނޑެކެވެ. މިލަނޑު މެޗްގެ 28 ވަނަ މިނެޓްގައި އާސެނަލްއަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖޭސުސްއެވެ.
މިމެޗްގެ އޮއެވަރު ބަދަލުވެގެންދިޔައީ ފުރަތަމަ ހާފްގެ މެދުތެރޭގައި ގްރަނިޓް ޝަކާ އާއި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް އާއި ދެމެދު ހިނގި ދެބަސްވުމަކާއި ގުޅިގެންނެވެ. މިހާދިސާ އާއެކު ލިވަޕޫލްގެ ސަޕޯޓަރުން ކުރިއަށްވުރެ ފޯރިގަދަވެ އަދި ލިވަޕޫލް ޓީމަށްވެސް އިތުރު ހިތްވަރެއް ލިބިގެންދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާއަަކަށް ވެގެންދިޔައީ މެޗްގެ 42 ވަނަ މިނެޓްގައި މުހަންމަދު ސަލާހް ލަނޑެއް ޖަހާ ތަފާތު ކުޑަކުރުމެވެ.
މިމެޗްގެ ދެވަނަ ހާފްގައި ބޮޑަށް ފެނިގެންދިޔައީ ލިވަޕޫލުން ހަމަލާއަށް އިސްކަން ދީގެން ކުޅުނު ތަނެވެ. މިގޮތުން އުފެއްދި ހަމަލާއެއްގައި މެޗްގެ 54 ވަނަ މިނެޓްގައި ލިވަޕޫލަށް ޕެނަލްޓީއެއްވެސް ލިބިގެންދިޔައެވެ. ނަމަވެސް ސަލާހް ފޮނުވާލި ޕެނަލްޓީ ގޯލަށް އަމާޒުނުވެ ދަނޑު ކައިރިން ދިޔައީ ބޭރަށެވެ. މިމެޗްގައި ލިވަޕޫލުން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ރޮބާޓޯ ފިރްމީނޯއެވެ.
މިލަނޑާއެކު ލިވަޕޫލުން އިތުރު ފޯރިއާއެކު މެޗް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރިއެވެ. މިގޮތުން މެޗްގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ލިވަޕޫލުންވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް މިދެހަމަލާވެސްވަނީ އާސެނަލްގެ ކީޕަރ އާރޮން ރަމްސްޑޭލްވަނީ ދިފާއުކޮށްފައެވެ.
މިމެޗްގެ ފުރަތަމަ ހާފް ނިމުނު ވަގުތު ލިވަޕޫލްގެ ރޮބަރޓްސަންއާއި އެސިސްޓަންޓް ރެފްރީ ކޮންސްޓަންޓީން ހަޓްޒިޑާކިސް އާދެމެދުވަނީ ކޮންމެވެސް ވަރެއްގެ ހާދިސާއެއް ހިނގާފައެވެ. މިގޮތުން ދަނޑުން ފައިބަން ދިޔަ ރޮބަރޓްސަން އެސިސްޓަންޓް ރެފްރީ ކައިރީ ޝަކުވާއެއް ކުރާ ގޮތަކަށް ކައިރިއަށް ދިޔަ ވަގުތު އެސިސްޓަންޓް ރެފްރީ ހޫރާލި އަތުގެ އޮޅަނބޮށިންވަނީ ރޮބަރޓްސަންގެ މޫނުމަތީ ޖެހުނު މަންޒަރު ޓީވީއަށް އަރާފައެވެ. އަދި މެޗަށްފަހު މައުލޫމާތުލިބިފައިވާގޮތުގައި މިހާދިޔާ ތަހްގީގް ކުރެވިގެންދާނެކަމަށްވެއެވެ.
މިމެޗް އެއްވަރު ވުމާއެކު އާސެނަލްގެ ލީޑު މިހާރުވަނީ ހަ ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ. އަދި ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އެއް މެޗް މަދުން ކުޅެފައި އޮތުމާއި އާސެނަލް އާއި އަމިއްލަ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތުމުން ލީގަށް ވާދަކުރުމުގެ ފރުސަތު މިހާރު އަނެއްކާ ވަރަށް ބޮޑަށް ސިޓީއަށްވެސް ހުޅުވިގެން ގޮސްފައިވާކަމަށް ބައެއް ފަރާތްތަކުން ހާމަކުރެއެވެ. އާސެނަލްއަށް މިހާރު ލިބިފައިވަނީ 30 މެޗުން 73 ޕޮއިންޓެވެ. އަދި ލިވަޕޫލް އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.