މިމަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކުޑަކުއްޖަކު ފެނިފައިވި ނަމަވެސް، މިހާތަނަށް އިތުރު އެއްވެސް މީހެއްގެ ކިބައިން ހިމަބިހި ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އައްޑޫސިޓީން ހިމަބިހި ފެނުމާއި ގުޅިގެން އެޗްޕީއޭއިންވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ގުޅިގެން އެ ސިޓީގައި ކޮންޓްކްޓް ޓްރޭސިން ހަދާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، އައްޑޫ ސިޓީން ހިމަބިހި ޖެހުނު ކުއްޖާ އުޅޭ ހިސާބާއި ވަށައިގެންވާ ސަރަހައްދުގައި ކޮމިނިޓީ ސާވޭ ކުރިޔަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި މި ސަރަަހައްދުތަކުގައި ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައި ނުވާ، ނުވަތަ 2 ޑޯޒް ފުރިހަމަ ކޮށްފައިވާކަމުގެ ރެކޯޑް ނެތް ފަރާތްތަކަށް ވެކްސިން ދިނުމަށް ރިންގް ވެކްސިނޭޝަނެއް ކުރިޔަށް ގެންގޮސްފައިވާކަމުގައެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ހިމަބިއްސަށް ޕޮޒިޓިވްވި ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިފައިވާ ފަރާތްތަކަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކެއް ކަމުގައެވެ. އަދި ކޮމިއުނިޓީ ސާވޭގައި 41 ފަރާތެއްގެ މައުލޫމާތު ސާފުކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެއަކާއި 1 ފިހާރައަކެވެ. މި ސާވޭއަށްފަހު އެޗްޕީއޭއިން ވަނީ 19 މީހަކަށް ވެކްސިން ދީފައެވެ.
އައްޑޫ ސިޓީން ފެނުނު މި ކޭސްގެ ކޮންޓުންގެ ގޮތުގައި ފާހަގަވެފައިވަނީ 65 މީހެކެވެ.