ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށް ބުނެ އިދިކޮޅުން އެމައްސަލަ ކޯޓަށް ހުށައަޅަނީ

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށް ބުނެ އިދިކޮޅުން އެމައްސަލަ ކޯޓަށް ހުށައަޅަނީ

Author
މުޙައްމަދު ޖިމީ
29 ނޮވެމްބަރ 2020 12:05
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނުލިބޭކަމަށް ބުނެ، އެމައްސަލަ ކޯޓަށް ވެއްދުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އެއް އަހަރު ވުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީން ހިންގި ހަރަކާތްތަކުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދެންނެވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ކޮންމެ އިންތިޚާބަކީވެސް ހަމަހަމަކަންމަތީ ބާއްވަންޖެހޭ އިންތިޚާބެއްކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް ކެމްޕެއިންކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުގެ އިސްވެރިން ކެމްޕެއިންކުރުމަށް ރަށްރަށް ވަޑައިގަންނަވާކަމަށާއި، މިކަމުގައި ހަމަހަމަ ފުރުޞަތު ލިބިގެން ނުދާތީ އެމައްސަލަ ކޯޓަށް ވެއްދުމަށް ޕީޕީއެމް ޕީއެންސީގެ ޤާނޫނީ ޓީމުން މަސައްކަތްކުރަމުން އަންނަކަަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

އަޅުގނޑުމެންނަށް އޮތް ދައްޗަކީ އަޅުގަނޑުމެންނަށް އެއްވެސް ރަށަކަށް ދަތުރެއް ނުކުރެވޭ. ސަރުކާރުން އެކި ނަންނަމުގައި ރަށްރަށަށް އެބަ ދަތުރުކުރޭ. ކުންފުނިތަކުގެ އެމްޑީން. ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެމެންބަރުން، ދަތުރުކޮށް އބޭޭފުޅުން ކެމްޕެއިންކުރަމުން އެބަދޭ. އެހެންވީމަ ހަމަހަމަ ފުރުޞަތެއް ނެތް.

-ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ

ޢަބްދުއްރަޙީމް ވިދާޅުވީ ވާދަވެރި އިންތިޚާބެއް ބާއްވާއިރު، ވާދަވެރި ފަރާތްތަކަށް ހަމަހަމަ ފުރުޞަތު ލިބެންޖެހޭކަމަށާއި، ނަމަވެސް މިއަދު އެފުރުޞަތު ތަނަވަސްވެފައި ނެތްކަމަށެވެ.

މިއަދު ސަރުކާރުގެ ހުދުމުހުތާރުކަމުން ކޮވިޑް ބޭނުންކޮށްގެން އަޅުގަނޑުމެން ވާދަވެރި ފަރާތްތައް ގޭބަންދުކޮށްފައި ބައިތިއްބާފަ، ސަރުކާރުން ބޭނުންވާ ނަތީޖާއެއް ހާސިލްވާގޮތަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ.

-ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ

ޢަބްދުއްރަހީމް ވިދާޅުވީ މިޙަލަތުގައި ކިރިޔާ ފުރުޞަތެއް ލުބުނަސް ކެމްޕެއިނަށް އިދިކޮޅުގެ ޓީމްތައް ރަށްރަށް ވަޑައިގަންނަވާނެކަމަށާއި، ކުރިއަށް އޮތް އިންތިޚާބު އިދިކޮޅުން ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށެވެ. އޭނާ ވަނީ މޮނިޓަރިންގެ ޙާލަތުގައިނެތް ރަށްރަށުގެ ރައްޔިތުން އެއްރަށުން އަނެއްރަށަށް ދަތުރުކޮށް އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުޞަތު ނެތްކަމަށް އިދިކޮޅު ވިދާޅުވެފައިވާއިރު، މިސަރުކާރުގެ އިސްބޭފުޅުން އެކި މަޝްރޫޢުތަކުގައި ރަށްރަށް ވަޑައިގެން ކަރަންޓިން ނުވެ ރަށްރަށުގައި ހަރަކާތްތެރިވާތީ ވަނީ ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައެވެ. އަދި ސަރުކާރުން ކުރަމުންދާ ދަތުރުތަކަކީ ކެމްޕެއިން ކުރުމަށް ކުރާ ދަތުރުތަކެއްކަމަށްވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.