ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންނަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެއެވެ. އެ ފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޚުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން ނިންމާފައިވަނީ މައްސަލަ އޮތް ހިސާބުން އަލުން މުރާޖާކޮށް ބެލިއިރު އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފަިއސާކަމަށް ސާބިތުކޮށްދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ފެންނާތީއެވެ. ޕީޖީ އޮފީހުން ވަނީ މިމައްސަލަ އަނބުރާ ގެންދިއުމަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ.
އޭރު ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހުއެވެ. ނަމަވެސް ފަހުން ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ ގޯސް ކަމަށާއި އެ މައްސަލަ އަލުން އެ ކޯޓުން ބަލުމަށެވެ.
މަހުލޫފްގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ނިންމާފައިވާއިރު، މަހުލޫފަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެބިނެޓްގައި ހިމެނޭ އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި އެންމެ މުހިންމު އެއްބޭފުޅާކަމަށް ގިނަ ބަޔަކު ދެކެއެވެ. މަހުލޫފް މިހާރުވެސް ހުންނެވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި އެދާއިރާގައެވެ.