ހުޅުމާލޭގައި ޓެކްސީއެއް ތެރޭގައި މަރާލި ޓެކްސީ ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް މާދަމާ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ހައްޔަރުކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 19 2019 ގައެވެ.
ޤާސިމް މަރާލި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ. ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ މައްޗަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން މާދަމާ އޮންނާނީ އަދަބާބެހޭގޮތުން ހުކުމް ކުރުމެވެ.
ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ. އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައި ވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.
އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކުރި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ، ގާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކިފަހަރު އެކިގޮތަށް އަދުހަމް ތަހުގީގުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވަވާ ކަމަށެވެ. އެހެންކަމުން އެ ވަޅިން ގާސިމާއި އަދުހަމްގެ ޑީއެންއޭ ފެނިފައިވާތީ ވަޅި ހެރިކަމާ މެދު ޝައްކެއް ނެތް ކަމަށާއި އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޤާޒީ ވިދާޅުވިއެވެ.
ގާޒީ ނަދީމް ވިދާޅުވި ގޮތުގައި މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށްފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސްއެވެ. ޤާޒީ އިތުރަށް ވިދާޅުވީ ހަމަލާދިން ވަގުތު އަދުހަމް ހުރީ މަސްތުވެގެން ކަމަށް އޭނާ ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަސައްކަތްކުރީ ފޭރެން ކަމަށްވާތީ އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާސިމް މަރުވީ އޭނާގެ ކަރަށް ލިބުނު ޒަހަމްތަކުން ކަމަށް މެޑިކޯ ލީގަލް ރިޕޯޓުން އެނގޭއިރު، އެކަމާ މެދު އަދުހަމް ސުވާލު އުފައްދާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ދިރިހުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ ގާސިމްގެ ލޭ ހުއްދަ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި އަދި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާ ނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވިއެވެ. ކުށަށް އިއުތިރާފްވީ މަސްތުގެ ހާލުގައި ހުއްޓާ މަޖުބޫރުކޮށްގެން ކަމަށް އަދުހަމް ކުރިން ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ ތަހުގީގުގައި ކުށަށް އެއްބަސްވުމަށްފަހު އަދި ދައުލަތާ އެކު އަދަބު ލުއިކުރަން އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި އަދި ފަހުން ކޯޓުގައި އެކިފަހަރު ކުށަށް އެއްބަސްވެފައިވާތީ އޭނާ ބުނާ ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.
ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް ނިޔާވިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ. ގާސިމް މަރާލި އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު އޮތް މީހެކެވެ.
ކޮމެންޓު ފޮނުވާ