ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު ސަފާ ގްރޫޕްގެ އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި ފުރުވާލުމަށް އެ ގްރޫޕުން މިހާރު މަސައްކަތްކުރަމުންދާކަން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އަލް ސަފާއިން މި ރަމަޟާން މަހު އުމްރާއަށްދާ ގްރޫޕުގައި ހިމެނެނީ 181 މީހުންނެވެ. އެމީހުންނަށް އިއްޔެ ނުފުރޭނެ ކަމަށް އެންގީ ލަގެޖު ވެސް ކުންފުންޏާ ހަވާލުކޮށްފައި އޮއްވައި ކުއްލިއަކަށެވެ. އެކަމާ ގުޅިގެން އެ އާއިލާތަކުން ތިބީ މާޔޫސްކަމެއްގައެވެ. މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ވިސާގެ ކަންކަން ހަމަޖައްސަން އަލް ސަފާ ގްރޫޕުން ކުރިއާލާ މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި ވިސާ ހަމަނުޖެހުނީ ސައުދީ އަދި ދިވެހި ސަރުކާރުގެ މައްސަލައެއް އޮވެގެން ނޫން ކަމަށާއި، ސައުދީ އެޖެންސީން ވިސާ ދޫކުރުމުގައި ލަސްތަކެއް އުޅެނީ ކަމަށް ސަފާ ގްރޫޕުން ބުނެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިކަމާގުޅިގެން އެ ގްރޫޕާއި އިސްލާމިކް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށްފަހު ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ދަތުރު ކެންސަލްކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ގެންދަންޖެހޭނެކަން އެ ޖަމާއަތަށް އަންގާފައެވެ. ނަމަވެސް މިނިސްޓްރީން އެގޮތަށް އަންގާފައި އޮތްވާ އެ ގްރޫޕުން ވަނީ އުމްރާ ދަތުރު ނުދެވޭނެކަން އުމްރާއަށް ފައިސާ ދެއްކި ފަރާތްތަކަށް އަންގާފައެވެ.
އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ނުގެންދެވޭނެކަމަށް އެ ޖަމާއަތުން އެންގުމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު މިއަދު ވަނީ ސަފާ ގްރޫޕްގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސަފާ ގްރޫޕްގެ ވެރިންނާއި ބައްދަލުކޮށް މިމައްސަލަ ހައްލުކުރުމަށް އަންގައި، އެކަމަށް މުހުލަތެއް ދީފައިވާކަމަށެވެ. އެގޮތުން އުމްރާއަށް ދާން ފައިސާ ދައްކާފައިވާ ފަރާތްތައް ރޯދަމަހުގެ 20 ވަނަ ދުވަހުގެ ކުރިން އުމްރާއަށް ގެންދަންޖެހޭނެކަން އެ ގްރޫޕަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބޭރުގެ އެއަރލައިނަކާއި ގުޅިގެން ޗާޓަރު ފްލައިޓެއްގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ގްރޫޕްގެ ވެރިން މައުލޫމާތު ދީފައިވާކަމަށެވެ. އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަފާ ގްރޫޕަށް ދީފައިވާ މުހުލަތުގެ ތެރޭގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވައިނުލައިފިނަމަ އެ ގްރޫޕްގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުމްރާއަށް މީހުން ނުގެންދެވޭގޮތަށް އެ ޖަމާއަތުގެ ވެރިޔާ ބްލެކް ލިސްޓްކުރާނެކަމުގެ އިންޒާރުވެސް މިނިސްޓަރ ދެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާ ގްރޫޕުން މަސައްކަތްކުރަނީ އޮމާންގެ ސަލާމް އެއަރގެ ޗާޓަރު ފްލައިޓެއްގައި އަންނަ ހަފްތާގައި އުމްރާވެރިން ފުރުވާލުމަށެވެ.