ނ. މަނަދޫން މަރުވެފައި އޮއްވާ ފެނުނު، އުމުރުން ދުވަސްވީ އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ޖަހާފައިވާކަން އެގިއްޖެއެވެ.
މަނަދޫގައި މިރޭ އިރާކޮޅު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ އެ ރަށު އަންނާރުމާގެ ނައީމާ މޫސާ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ހަބަރެއް ނުވެގެން އާއިލާއިން ފުލުހަށް އެންގުމުން، ފުލުހުން ގޮސް އޭނާގެ ކޮޓަރީގެ ދޮރުވައްޓާލައިގެން ވަނުމުންނެވެ.
މަނަދޫއިން މިހާދިސާއާއި ގުޅިގެން މައުލޫމާތު ދިން މީހަކު ބުނީ ނައީމާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައިވާކަމަށެވެ. ނައީމާ ފެނުނުއިރު، އޭނާ އޮތީ އެކަނި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ތަޅުންގަނޑު މަތީ ބަންޑުން ކަމަށާއި އެތަނުގައި ގިނަ އަދަދަކަށް ލޭހުރި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިޖަހާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އަބްދުއްރަހްމާން ސަބީހު ބުނީ، މަރުވި މީހާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އަދި އޭނާ މަސައްކަތަށް ނުނިކުމެ، އެއްވެސް މީހަކަށް ހަބަރެއް ނުވާތާ ދެ ދުވަސްވެފައިވާ ކަމަށެވެ. އޭނާގެ މަރުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން، ފުލުހުންނަށް ނާންގާ އެއްވެސް އުޅަނދެއް މަނަދޫއިން ބޭރަށް ނުދިއުމަށް އެރަށު ކައުންސިލުން ވަނީ އާންމުކޮށް އަންގާފައެވެ. ހަމައެއާއެކު ރަށަށް ދާ މީހުންވެސް ފުލުހުންނަށް އަންގާފައި ދިއުމަށް ވެސް ކައުންސިލުން އަންގާފައި ވެއެވެ.
ނައީމާ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނުނުއިރު، އެގޭގައި ދިރިއުޅެނީ އޭނާ އެކަންޏެވެ. އެކަމުގައި ފުލުހުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނި ނަމަވެސް، ނައީމާގެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރެގެން އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން ދަނީ މޮނިޓާ ކުރަމުންނެވެ.