އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި އިއްޔެ އުމްރާ ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެ ފަހުވަގުތު ދަތުރު ކެންސަލްކުރި މައްސަލާގައި ކަން ހިނގާދިޔަގޮތް އިސްލާމިކް މިނިސްޓްރީން ބަލަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިމައްސަލާގައި އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސަފާ ގުރޫޕަށް މި މައްސަލަ ދިމާވެފައި ވަނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަން ފާހަގަކުރައްވާފައެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ލިބޭ އެއްޗެއްކަމަށާ، އެ ވިސާ ދެނީވެސް ދުރާލައިކަން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ. އެހެންނަމަވެސް ޞަފާ ގުރޫޕުން އެކަން އެގޮތަށް ހަމަޖައްސަން ކުރަންޖެހޭ ކަންކަން ކޮށްފައި ނުވާކަންވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.
އެމިނިސްޓްރީގެ ނޫސް ބަޔާނުގައި ވަނީ ޢުމްރާ ވިސާއަކީ ސަޢުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން ޢުމްރާ ކުންފުނިތަކަށް ދެމުންދާ ޚިދުމަތެއްކަމަށާ، ރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުންވެސް މިޚިދުމަތް ފޯރުކޮށްދެމުން އަންނަކަމަށެވެ. އެހެންނަމަވެސް މިޚިދުމަތް ހޯދައި ހަމަޖައްސަންޖެހޭ ކަންކަން ޞަފާ ގްރޫޕުން ހަމަޖައްސާފައި ނުވެއެވެ.
ރަމަޟާން މަހުގެ އުމްރާ އަށް ސަފާ ގްރޫޕުން ގެންދާ 180 އަށް ވުރެ ގިނަ މީހުން މިއަދު ފުރަން ހަމަޖައްސައި އެކަން އެމީހުންނަށް އޮތީ ކުރުން އަންގާފައެވެ. އެ ކުންފުނީގެ ފުރަތަމަ ގްރޫޕު އިއްޔެ ހެނދުނު 8:00 ގައި ސައުދީ އެއާލައިންގައި ފުރަން ނިންމާފައި އޮތްއިރު، އުމްރާވެރިންގެ ލަގެޖުތައް ގެންގޮސް، އެއާޕޯޓަށް ދާންޖެހޭ ގަޑިވެސް އޮތީ އަންގައިފައެވެ.
ނަމަވެސް ވިސާ ނުލިބުނު ކަމަށް އަންގައި އުމްރާއަށް ފުރަން ހަމަޖެހިފައިވާ ފަރާތްތަކުން ފޮށިތައް ބަލައި އައުމަށް އެ ގްރޫޕުން އިއްޔެ ހެނދުނު ވަނީ އަންގާފައެވެ.
އަލް ސަފާ ކުންފުނީގެ ވެރިޔާ އައްޝައިޚު ނަސީމު ވިދާޅުވީ ވިސާ ހަމަޖައްސަނީ ސައުދީ އަރަބިއްޔާގެ އެޖެންޓެއް ކަމަށާއި، އުމްރާއަށް މީހުން ފުރުމުގެ ކަންކަން ނިންމައި، އެއާޕޯޓަށް ދާން އެންގީ ވެސް، އަދި ލަގެޖު ގެނައީ ވެސް އެޖެންޓު ބުނި ބަހުގެ އިތުބާރަށް ކަމަށެވެ.
ސަފާ ގްރޫޕުން އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އަހަރު ރަމަޟާން އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެއެވެ.