ދެކުނު ލުބާނުން އެގައުމަށް ރޮކެޓް ހަމަލާތަކެއް ދީފައިވާކަމަށް އިސްރާއިލުގެ އަސްކަރިއްޔާއިން ބުނެފިއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މިކަން ހާމަކޮށްފައިވަނީ ޖެހިޖެހިގެން ދެ ރޭ އެގައުމުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ އަލް އަގްސާ މިސްކިތަށް ހަލާ ދީފައިވަނިކޮށެވެ.
"ލުބުނާނުން އިސްރާއީލަށްވަނީ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފަ، އަދި އެ ރޮކެޓްތައްވަނީ ކާމިޔާބުކަމާއެކީ ވައްޓާލެވިފަ،" އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ސީއެންއެންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލުބުނާނުންވަނީ 34 ރޮކެޓް ހަމަލާއެއް އިސްރާއިލަށް ފޮނުވާލާފައި ކަމުގައެވެ. އޭގެ ތެރެއިން 25 ރޮކެޓެއް އިސްރާއިލުން ވައްޓާލާފައިވާއިރު، ބައެއް ރޮކެޓްތައް މިހުން ދިރިއުޅޭ ހިސާބުތަކަށް އަމާޒުވެފައިވާކަމަށްވެސް ސީއެންއެންއިން ރިޕޯޓު ކޮށްފައި ވެއެވެ.
މިއީ 2006 ވަނަ އަހަރަށްފަހު ލުބުނާނުން އިސްރާއީލަށް ރޮކެޓް ހަމަލާ ދީފައިވާ ފުރަތަމަ ފަހަރެވެ. އިސްރާއީލުން ބުނެފައިވަނީ ބުނެފައިވަނީ މި ރޮކެޓްތަކުން ދެމީހަކަށް އަނިޔާވެފައިވާ ކަމުގައެވެ.
ލުބުނާނުން އިސްރާއީމަށް ރޮކެޓް ހަމަލާތަކެއް އަމާޒުވުމާއި ގުޅިގެން އެގައުމުގެ ޓައުންތައް ކަމުގައިވާ ޝްލޯމީއައި މިޝާވް ބެޓެޒެޓް ވަނީ އިމަޖެންސީ ސައިރެންއިން ގުގުމާލާފައެވެ.
މި ހަމަލާތަކަށްފަހު ލުބުނާންގެ އަސްކަރިއްޔާއުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މި ރޮކެޓް ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން ދެކުނު ލުބުނާނަށް ހަމަލާ ދީފައިވާކަމަށް ލުބުނާނުގެ ގައުމީ ނިއުސް އޭޖެންސީން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ.
ލުބުނާނުން އިސްރާއީލަށް ދީފައިވަ މި ހަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލަފައެއް ނުވެއެވެ.
މީގެ އިތުރުން އިސްރާއީލުން ހިސޯރު ކޮށްފައިވާ ގާޒާއިންވެސް ވަނީ އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެގައުމުގެ ދެކުނަށް ގަޒާއިން ރޮކެޓް ހަމަލާ ދެމުން ދަތާ މިއީ ދެވަނަ ދުވަސް ކަމުގައެވެ.
މި ހަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.
ގާޒާއާއި ލުބުނާނުން އިސްރާއިލަށް ރޮކެޓް ހަމަލާ ދީފައި މިވަނީ، އިސްރާއީލުގެ އަސްކަރިއްޔައިން އަލް އަޤްސާ މިސްކިތަށާއި މިސްކިތުގައި ނަމާދުކުރަންތިބި ފަލްސްތީނުގެ ރައްޔިތުންނަށް ހަމަދާ ދިނުމާއެކު ހިގަންފެށި ހަމަނުޖެހުންތަކަށް ފަހުއެވެ.
ފަލަސްތީނުގެ ޖެރޫސެލަމްގައި ހުންނަ އަލް އަގްސާ މިސްކިތަށްވަދެ އިސްރާއީލު ސިފައިން ހިންގި ޖަރީމާތަކާއި ގުޅިގެން ޔޫއެން ސެކިއުރިޓީ ކައުންސިލްގެ އެމަޖެންސީ ބައްދަލުވުމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ޑިޕްލޮމޭޓުންނާއި ހަވާލާދީ ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއާއި ޗައިނާއިން އެދިގެންނެވެ.
ވަފާ ނިއުސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލު ސިފައިން އަގްސާ މިސްކިތުގައި ނަމާދުކުރަން ތިބި ފަލަސްތީނު މީހުންނަށް ހަމަލާ ދިނުމާއި ގުޅިގެން ފަލަސްތީނުގެ ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމުގައެވެ.
މީގެ އިތުރުން، އަރަބި ލީގުންވެސްވަނީ މި ހަމަނުޖެހުންތައް ކުށްވެރި ކޮށްފައެވެ. އަރަބި ލީގުގެ ސެކެޓްރީ ޖެނެރަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، "އިސްރާއީލުގެ ސަރުކާރުގެ ހައްދުފަހަނަ އަޅާފައިވާ ސިޔާސަތުތަކަށް ނިމުން ނުގެނެސްފިނަމަ ފަލަސްތީނުގެ ރައްޔިތުންނާ އިސްރާއީލާ ދެމެދު ހިގަމުންދާ ހަމަނުޖެހުންތައް ދާނީ ފުޅާވަމުން،" ކަމުގައެވެ.
އިސްރާއީލުން އަލް އަގްސާ މިސްކިތަށް ހަމަލާ ދިނުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުންވެސް ދަނީ އިސްރާއީލުގެ މި އުދުވާން ކުށްވެރި ކުރަމުންނެވެ.
މާތްވެގެންވާ އަލް އަގުސާ މިސްކިތް ހުންނަނީ އިރުމަތީ ޖެރޫސެލަމްގައެވެ. އިރުމަތީ ޖެރޫސެލަމް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުއެވެ. އެއަށްފަހު މިއީ އިސްރާއީލުގެ ބައެއްގެ ގޮތުގައި އެގައުމުން ކަނޑައަޅާފައި ވިނަމަވެސް، ބައިނަލް އަގުވާމީ ގޮތުން އިސްރާއީލުގެ މިނިންމުން ބަލައިގެންފައެއް ނުވެއެވެ.
އަލް އަޤްސާ މިސްކިތަކީ އިސްލާމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއެވެ.
ކޮމެންޓު ފޮނުވާ