ރާއްޖޭގައި ފަތުރިކަން އޮތް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައި، އެކަން ކުރެވޭނެ ގޮތާއި، އެމަގު ފަހި ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ޓުވަރިޒަމްވެސް މިއަދު ފުޅާކުރެވި ހިންގަމުންދާކަމަށެވެ. ފުރަތަމަ ޓުވަރިޒަމް ތަޢާރަފް ކުރަން އުޅުނުއިރު މީހުން ދެކުނީ އާންމުން ދިރިއުޅޭ ރަށްތަކުގައިން ޓުވަރިޒަމް ހުޅުވާލުމުން ރައްޔިތުން ކާފަރު ވެދާނެކަމަށެވެ.
ނަމަވެސް މިއީ މުސްލިމު ޤައުމަކަށް ވުމުން އެކަން އެހެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ރަށްރަށުގައި ރާވިއްކޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ. އެކަން ކުރަންޖެހެނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ޤައުމުގެ ކުރިއެރުމަށްޓަކައި ކަމަށް މެމްބަރު ޝަހީމް ވިދާޅުވިއެވެ.
މިއަދު މިސުވާލު އުފެދެނީ ރައްރަށުގައި ރާ ވިއްކަން ހުއްދަ ދިނީމާ ދެންވާނީ ކިހިނެތްތޯ؟ މިވާހަކަ އަޅުގަނޑުމެން އެބަ ދައްކަންޖެހޭ. މިކަން ކުރެވެން އޮތް ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެއްވެސް ހާލެއްގައި އަޅުގަނޑުމެން މިދައްކާވާހަކަ އޮޅުވާ ނުލާތި އެއްވެސް ބޭފުޅަކު. އަޅުގަނޑުމެންވެސް މުސްލިމެއްގެ ގޮތުގައި ހުރެ އަޅުގަނޑުވެސް މިވާހަކަ މިދައްކަނީ މިރާއްޖެއަށް މިރާއްޖެއަށް ތަރައްޤީ ގެނައުމަށްޓަކައި މިރާއްޖެއަށް ކުރިއެރުން ގެނައުމަށްޓަކައި، މިރާއްޖެއަށް ވަންނަ ފައިސާ އިތުރު ކުރުމަށްޓަކައި. ވިސްނުން ތެރިކަމާއިއެކު އަޅުގަނޑުމެން ކުރިއަށްދާން.
– ކަނޑިތީމު ދާއިރާ ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވިއެވެ.
މީހުން ދިރިއުޅޭ ރަށްރަށަަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރާ ވިއްކޭނެ ގޮތް ހަދަން ޖެހޭ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ވަނީ އޭނާ އެފަދަ ވާހަކަ ދެއްކެވީ އެއްވެސް ހާލެއްގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަ ކުރުމަށް ނޫންކަމަށާއި، އެވާހަތަކުން ނުބައި މާނައެއް ނެގޭނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ރާވިއްކުމާއި ގުޅޭގޮތުން މެމްބަރުން ދައްކަވާ ވާހަތަކަށް ގިނަ ދީނީ އިލްމުވެރިންނާއި، ގިނަ ބައެއްގެ ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އަދި މިއީ ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަކަށްވާއިރު އެކަން ހުއްދަ ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް އިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ