އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ހަވާލުގައި މިއަދު އުމްރާ ފުރަން ތައްޔާރުވެފައި ތިބި މީހުންގެ ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެ ދަތުރު ކެންސަލްކޮށްފިއެވެ.
ރަމަޟާން މަހުގެ އުމްރާ އަށް އެ ކުންފުނިން ގެންދާ 180 އަށް ވުރެ ގިނަ މީހުން މިއަދު ފުރަން އޮތީ ހަމަޖައްސައިފައެވެ. އެ ކުންފުނީގެ ފުރަތަމަ ގްރޫޕު ހެނދުނު 8:00 ގައި ސައުދީ އެއާލައިންގައި ފުރަން ނިންމާފައި އޮތްއިރު، އުމްރާވެރިންގެ ލަގެޖުތައް ގެންގޮސް، އެއާޕޯޓަށް ދާންޖެހޭ ގަޑިވެސް އޮތީ އަންގައިފައެވެ.
ނަމަވެސް ވިސާ ނުލިބުނު ކަމަށް އަންގައި އުމްރާއަށް ފުރަން ހަމަޖެހިފައިވާ ފަރާތްތަކުން ފޮށިތައް ބަލައި އައުމަށް އެ ގްރޫޕުން މިއަދު ހެނދުނު ވަނީ އަންގާފައިވާ ކަމަށެވެ.
އަލް ސަފާ ކުންފުނީގެ ވެރިޔާ އައްޝައިޚު ނަސީމު ވިދާޅުވީ ވިސާ ހަމަޖައްސަނީ ސައުދީ އަރަބިއްޔާގެ އެޖެންޓެއް ކަމަށާއި، އުމްރާއަށް މީހުން ފުރުމުގެ ކަންކަން ނިންމައި، އެއާޕޯޓަށް ދާން އެންގީ ވެސް، އަދި ލަގެޖު ގެނައީ ވެސް އެޖެންޓުގެ ބުނި ބަހުގެ އިތުބާރަށް ކަމަށެވެ.
ސަފާ ގްރޫޕުން އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އަހަރު ރަމަޟާން އުމްރާއަކަށް އަލް ސަފާ ކުންފުނިން ބޮލަކަށް 37،500ރ. ނެގި އެވެ. އެ މަގުން ބަލާނަމަ މި ރަމަޟާން މަހުގެ އުމްރާވެރިން އެ ގްރޫޕަށް ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ދައްކާފައިވާނެއެވެ.