އަމީތުގެ ތާއީދު ރައީސް ސާލިހަށް

އަމީތުގެ ތާއީދު ރައީސް ސާލިހަށް

ގުޅުންހުރި

ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއިދުކުރައްވާކަން ހާމަކޮށް އަމީތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އިގްތިސާދީ، ސިޔާސީ އެތައް ގޮންޖެހުމެށް ގިރާ ކުރައްވާ، ގައުމާއިގެން އަމާން ބަނދަރަކަށް ދަތުރު ކުރެއްވުމުގައި ރައީސް ސާލިހު ކެތްތެރިކަމާއި ޚިކުމަތްތެރިކަން ސާބިތު ކޮށްދެއްވާފައިވާ ކަމުގައެވެ.

އެހެންކަމުން ގައުމަށް މިވަގުތު އެންމެ މުހިންމީ ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްގީކަމުގައި އަމީތުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އަމީތު ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާއިރު، އޭނާވަނީ 2018 އަހަރު ގެ ރިޔާސީ އިންތިޚާބުގައި، ރައީސް ސާލިހުގެ ކެމްޕޭންގައި އިސްދައުރެއް އަދާކުރައްވާފައެވެ.

އަދި އަމީތުއަކީ، ރައީސް ޔާމިންގެ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ ގޮޑި ގެއްލުނުކަމަށް ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްވެސްމެއެވެ. ގޮޑި ގެއްލުނުކަމަށް އޭރުގެ ސަރުކާރުން ނިންމި 12 މެމްބަރުން އޭރު މަސައްކަތް ކުރައްވާފައިވަނީ ރައީސް ސާލިހު ވެރިކަމަށް ގެނައުމަށެވެ.

އެހެންނަމަވެސް 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން ފަހުން ޕީޕީއެމްއާއި އަލުން ގުޅިފައިވާއިރު، އަނެއްބައި މެމްބަރުން މިހާރު ތިއްބެވީ ޖުމުހުރީ ޕާޓީގައެވެ. އަދި ބައެއް މެމްބަރުން ގެންދަވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވަމުންނެވެ.

ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ގިނަ ބޭފުޅުން ގެންދަވަނީ 2023ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިހު އެންޑޯސް ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ