ރާއްޖޭގެ ބޭރުގެ ދަރަނި ބޮޑުވެ، ޤައުމުގެ މާލީ ޙާލަތު އޮތީ ނުރައްކަލުގައިކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ކޯވިޑާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އައިސްފައިވަ ހީނަރުކަމުގެ ތެރޭގައި ރާއްޖޭގެ ނާޒުކު މާލީ ޙާލަތަށް އިތުރު ނުރައްކާތަކާ ކުރިމަތިވެފައިވާކަމަށް ވޯލްޑުބޭނުން ކުރިންވެސް އެކި ފަހަރުމަތިން އިޝާރާތްކޮށްފައިވެއެވެ.
އެ ބޭންކުން މިފަހަރު އަނެއްކާވެސް މިވާހަކަ ދެއްކީ އަހަރަކު ދެ ފަހަރު ނެރޭ މާލީ ހިސާބުކިތާބުގެ އެންމެ ފަހުގެ އަދަދުގައެވެ. ރާއްޖެއާބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަށް ބަލާލާއިރު، އިޤްތިޞާދީ މިފަދަ ދަތި ދުވަސްވަރެއްގައި ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާން ފަށާފައިވާކަމާއި އެކަންކަން އެކި މަރުޙަލާތަކުގައި ވުމަކީ ވިސްނާލަންޖެހޭ ކަމެއްކަމުގައި ފާހަގަކޮށްފައިވެއެވެ. ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކަކީ އެއިން ސީސާ ޢާމްދަނީއެއް ނުލިބޭނެ ކަންކަމެވެ. އެހެންނަމަވެސް ދުރު މުސްތަޤުބަލުގައި އޭގެ ސަބަބުން ބައެއް އިޤްތިޞާދީ ދާއިރާތަކަށް ހެޔޮ އަސަރުކޮށް އޭގެ މަންފާ މާލިއްޔަތަށ ކޮށްފާނެެއެވެ. އެހެންނަމަވެސް މިހާރު އޮތް ޙާލަށް ބަލާއިރު، މިއީ ނުރައްކަލެއްކަމަށް އިޤްތިޞާދީ މާހިރުންވެސް ބުނެއެވެ.
ވޯލްޑް ބޭންކުން ފާހަގަކުރާ އަނެއްކަމަކީ ރާއްޖޭގެ ހަމައެއް ނެތް ސަބްސިޑީ ނިޒާމެވެ. ހަމއެއް ނެތޭ މިދެންނެވީ ވަަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި އެންމެންނަށް ސަބްސިޑީ ދޭ ދާއިރާތަކެއް ރާއްޖޭގައި އޮންނަތީއެވެ. މިސާލަކަށް ކާޑުގެ ބާވަތްތައް ސަބްސިޑީކޮށްފައި ހުންނައިރު، މުއްސަނދި މަހުޖަނުންނަށްވެސް ސަބްސިޑީ ލިބެއެވެ. އާސަންދައާއި ތެލުގެ ސަބްސިޑީވެސް އޮތީ މިހެންނެވެ. ވޯލްޑް ބޭންކުން ފާހަގަކުރަނީ މިކަމެވެ.
މީގެއިތުރުން ރާއްޖެއަކީ ޤައުމުގެ މުޅި އިޤްތިޞާދުހެން ފަތުރުވެރިކަމަށް ބަރޯސާކޮށްފައި އޮންނަ ޤައުމެކެވެ. ޢާމްދަނީ ލިބޭ އެހެނިހެން ސިނާޢަތްތަކަށް ހަޤީޤަތުގައި ދައުލަތުގެ މާބޮޑު ސަމާލުކަމެއް ނެތްކަމަށް ދެންނެވިދާނެއެވެ. ފަތުރުވެރިކަމަކީ ނާޒުކު ސިނާޢަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ މޫސުމީ ބަދަލުތަކާއި ހަނގުރާމަތަކައި އިޤްތިޞާދީ އެކި ޙާލަތްތަކުގެ ސީދާ އަސަރު ފަތުރުވެރިކަމަށް ކުރެއެވެ. އެހެންކަމުން ހަމައެކަނި މާލީ ކަންކަން ފަތުރުވެރިކަމަށް ބަރޯސާކޮށްގެން ތިބުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ވޯލްޑްބޭންކުން ލަފާދެއެވެ. އެބޭންކުގެ ލަފައަކީ ޓޫރިޒަމަށް ބަރޯސާވާވުން ކުޑަކުރުމެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމެވެ.
މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ވޯލްޑްބޭންކުން ލަފާކޮށްފައިވަނީ %6.6އެވެ. އަދި އިޤްތިޞާދު ހިފެހެއްޓުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޖީއެސްޓީގެ ރޭޓްތައް ބޮޑުކޮށްފައިވާތީ މި އަހަރު %5.7 ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދާނެކަމަށްވެސް އެބޭންކުން ލަފާކުރެއެވެ.