ހަތަރު އަހަރުން މި ސަރުކާރަށް ތިމަރަފުށީގެ 8 މަގު ނުހެދުނު: ރިޔާޒު

ހަތަރު އަހަރުން މި ސަރުކާރަށް ތިމަރަފުށީގެ 8 މަގު ނުހެދުނު: ރިޔާޒު

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 11:38
0

މި ސަރުކާރުގެ ހަތަރުއަހަރު ފާއިތުވެގެން ދިޔައިރު ތ. ތިމަރަފުށީގައި 8 މަގު ނުހެދުނުކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޟް ސަރުކާރަށް ފާޑުވިދާޅުވެއްޖެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިންގެ މިނިސްޓަރ މުޙައްމަދު އަސްލަމްއާ ކުރެއްވި ސުވާލެއްގެ ތެރެއިން ރިޔާޟް ވިދާޅުވީ ތިމަރަފުށީގެ 8 މަގު މި ހަތަރު އަހަރުތެރޭގައި ނިންމާނުލެވުނު ކަމަށާއި، މިހާރުވެސް ބައެއް މަގުތައް ކޮނެ އެގޮތަށް އޮވެ ގިނަދުވަސް ވަމުން ދާތީ، މަގު ބޭނުންކުރާ ޢާއްމުންނަށާ ދުއްވާ ތަކެއްޗަށް ނުހަނު އުނދަގޫވާ ކަމުގައެވެ.

އެމް.އެން.ޕީ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރައްވާ ރިޔާޟް މިއަދު ހައުސިން މިނިސްޓަރާ ސުވާލުކުރެއްވީ ތިމަރަފުށީގެ މަގުހެދުމުގެ މަސައްކަތް ދިގުލައިގެން ގޮސްފައިވާތީ، އެ މަސައްކަތް ނިންމާލެވޭނެ ތާރީޚަކާ ބެހޭގޮތުން ނެވެ. އެގޮތުން މަސައްކަތް ނިންމާ ތާރީޚު މިހާރުވެސް 2 ފަހަރަށް ފަސްކުރެވިފައިވާއިރު، ނިންމާނެ ތާރީޚަކީ ކޮބައިތޯ މިނިސްޓަރާ ސުވާލުކުރެއްވުމުން، އެ ސުވާލަށް މިނިސްޓަރަށް ސީދާ ޖަވާބެއް ނުދެއްވުނެވެ.

ތިމަރަފުށީގެ މަގު ހެދުމުގެ މަސައްކަތް ނިންމުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް ހައުސިން މިނިސްޓަރ މިއަދު ޖަވާބުދެއްވަމުން އިއުތިރާފްވެވަޑައިގެންފައި ވެއެވެ. އަދި މަސައްކަތް މިއަަހަރުތެރޭގައި ނިންމާލެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޯގަސްޓް މަހާ ހިސާބަށް ނިމެންވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ތިމަރަފުށީގެ މަގުހެދުން އާރުޑީސީ އާ ޙަވާލުކުރެވިފައިވިޔަސް، އާރުޑީސީން މިހާރު އެ މަސައްކަތް އިންޑިޔާގެ ކުންފުންޏަކަށް ސަބްކޮންޓްރެކްޓަށް ދީފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެ ކަމަަކީ ހައުސިންގ މިނިސްޓްރީގެ ދައުރެއް އޮވެގެން ހިނގާކަމެއްތޯވެސް ރިޔާޟް ސާފުކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އެއީ މިނިސްޓްރީގެ ދައުރެއް އޮވެގެން ހަމަޖެހުނު ގޮތެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.