ގުރައިދޫ ދާއިރާ ރައްޔިތުން ތިބީ ނުފޫޒަށް ކުޑަވެސް ޖާގައެއް ދޭގޮތަކަށް ނޫން: އަދުރޭ

ގުރައިދޫ ދާއިރާ ރައްޔިތުން ތިބީ ނުފޫޒަށް ކުޑަވެސް ޖާގައެއް ދޭގޮތަކަށް ނޫން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 10:07
0

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވިނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ އެނުފޫޒަށް ޖާގަ ދޭގޮތަކަށް ނޫންކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރާ އަލް އުޘްތާޒު ހުސެއިން ރިޟާގެ ކެމްޕެއިނާ މިރޭ މާފުށިން ގުޅުނު އެމްޑީޕީގެ ބައެއް މެމްބަރުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އަދުރޭ ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް ޕީޕީއެމްއިން ކުރަން އޮތް މަސައްކަތަކީ މަރުހޫމް އިބްރާހިމް ރިޒާ ކުރެއްވި މަސައްކަތް މެދު ނުކެޑޭނެއެހެން ކުރެވޭނެ ގޮތެއް ހޯދުންކަމަށެވެ.

އެކަން ކުރެވޭނީ ޕީޕީއެމްގެ ކެނޑިޑޭޓަށް ވޯޓު ދީގެންކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެކޭ އެއްގޮތަށް މިފަހަރުގެ އިންތިޚާބުގައިވެސް ގުރައިދޫ ދާއިރާގެ ތިން ރަށަށް އެތައް ވައުދެއްވެ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދެކޮމަންޑޫ ގުޅާލިގޮތަށް މިއިންތިޚާބުގައިވެސް އެފަދަ ވައުދުތައް ވާނެކަމަށް ގުރައިދޫ ދާއިރާގެ ރައްޔިތުން ތިބީ ގަބޫލުކޮށްގެންކަމަށާއި، ނަމަވެސް މިފަހަރު ރައްޔިތުން ތިބީ ސަރުކާރަށް އެޖާގަ ދޭގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ އިސްބޭފުޅުން ޕީޕީއެމްއާއި ގުޅި ރިޒާގެ ކެމްޕެއިނާއި ގުޅެމުންދަނީ ޕީޕީއެމްއަށް އޮތް އުންމީދެއްގެ ބޮޑު ކަމުން ކަމަށާއި، މިސަރުކާރަށް ދެން އޮތް މަދު ދުވަސްތަކުގައި މިސަރުކާރަށް ރައްޔިތުން ކުރާ އެއްވެސް އުންމީދެއް ނެތްކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ އެތައް ބަޔަކު ޕީޕީއެމްއާއި ގުޅި އިތުރަށް ޕީޕީއެމް ވަރުގަދަ ވެގެންދާނެ ދުވަސްތަކެއްކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.