ވާނުވާގައި ތިބޭ މީހުންގެ މައްސަލަ އެމްއެންޕީން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި

ވާނުވާގައި ތިބޭ މީހުންގެ މައްސަލަ އެމްއެންޕީން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި

Author
ހުސެއިން
04 އޭޕްރިލް 2023 08:19
0

ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނާ ގޮތަށް، ކޮންމެ 30 ދުވަހަކުން މުރާޖަޢާ ކުރަން ޖެހުނު ނަމަވެސް، އެ މައްދާއަށް ދައުލަތުން ޢަމަލު ނުކުރާތީ، ފަރުދުންނަށް އިޖުރާއީ އިންސާފު ނުލިބުމާއި ފަރުދީ ޙައްޤުން މަހުރޫމުވެ، މިކަން ތަކުރާރުވަމުން ދާތީ، އެ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް މިއަދު ހުށަހަޅައިފިއެވެ.

މިމައްސަލާގައި އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުގެ ހާލަތަށް ބަލާއިރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ 343 އެއްހާ މީހަކަށް އެމީހުންގެ ބަންދުގެ މުއްދަތު ރިވިއު ކުރުމުގެ އެއްވެސް ފުރުޞަތެއް ދައުލަތުން ދީފައި ނުވާކަމުގައެވެ. މިގޮތުން، ޤާނޫނު އޮތްތާކު، އޮތްގޮތަށް އޮތް ނަމަވެސް، އެ ޤާނޫނަށް ޢަމަލު ކުރާނެ ނޫނީ ކުރުވާނެ ފަރާތެއްވެސް ނެތްކަމުގައެވެ.

އެމްއެންޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެޕާޓީން ދެކޭ ގޮތުގައި ދައުލަތަށް ނުއުފުލޭފަދަ ބުރައެއް ހިމެނޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އިތުރު ވިސްނުމަކަށް އެބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާނެ އިމްތިޔާޒެއް ކަމުގައެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ދެންނެވުނު އިޞްލާޙާ ގެނެވުމާ ގުޅިގެން ސަރުކާރުން އެގޮތަށް ޢަމަލުކުރައްވާފައި ނުވާތީ، ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރުމަށް ޤާނޫނުން ކަނޑައަޅާފައިވާ ޤާއިދާތަކަކީ ތަންފީޛް ކުރައްވަންޖެހޭ އަދި ތަންފީޛް ކުރެއްވޭނެ ޤާއިދާތަކެއް ކަމުގައެވެ.

އޭގެ އިތުރުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނެވުނުފަހުން 2 އަހަރަށްވުރެ ގިނަ ދުވަސް ވޭތުވީއިރުވެސް އެ ޤާނޫނަށް ޢަމަލުކުރުމަށް ބޭނުންވާ އިދާރީ ކަންކަން ހަމަނުޖެހުމަކީ ޤަބޫލު ކުރެވޭނެ ހުއްޖަތެއް ނޫންކަމަށާއި، ވަކިން ޚާއްޞަކޮށް، މިމައްސަލައަކީ، އޭގެ ސަބަބުން ބަޔަކު މީހުންނަށް އިޖުރާއީ އިންސާފު ގެއްލިގެންދާ، ޝަރީޢަތާއި ގުޅިފައިވާ ޚާއްޞާޞް މައްސަލައެއްކަންވެސް އެމްއެންޕީން ފާހަގަ ކޮށްފައި ވެއެވެ.

މިގޮތުން، ވެރިކަމުގެ ފަރާތުން ހަދާހާ ގޮތަކީ ރަނގަޅު ގޮތް ކަމަށް އިއުތިމާދު ކުރުންމަތީ ދެމިނުތިއްބަވާ، އެ ކޮމިޝަންގެ ޤާނޫނީ މަސްއޫލިއްޔަތު  އުފުއްލެވުމަށް އެޗްއާރުސީއެމްއަށް އެމްއެންޕީން ގޮވާލާފައި ވެއެވެ.

އަދި ގާނޫނުން ކަނޑައަޅާފައިވާ އިޖުރާއަތާއި އެއްގޮތަށް ކޯޓުތަކުން ޢަމަލު ނުކުރާތީ ފަރުދުންނަށް އިޖުރާއީ އިންސާފު ގެއްލޭ މައްސަލައާއި، ޤާނޫނުން އިލްތިޒާމް އުފައްދާފައިވާ ނިންމުމަށް ދައުލަތުގެ މުއައްސަސާތަކުން ޢަމަލުނުކޮށް، އެ މުއައްސަސާތައް ހިންގުމާއި ޙަވާލުވެ ތިއްބެވި ވެރިން އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާ ނުކުރައްވާ މައްސަލަ ބައްލަވާ، ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ ފަރާތްތަކަށްވެސް ޤާނޫނުގެ ރައްކާތެރިކަން ހޯއްދަވާ ދެއްވުމަށްވެސް ކޮމިޝަންގެ ކިބައިން އެމްއެންޕީން އެދިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.