ޖޭޕީގެ ދައުވަތު އެމްއެންޕީން ގަބޫލެއް ނުކުރި

ޖޭޕީގެ ދައުވަތު އެމްއެންޕީން ގަބޫލެއް ނުކުރި

Author
ހުސެއިން
04 އޭޕްރިލް 2023 07:56
0

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި، އެއް ކޯލިޝަނެއްގައި މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީން އެމްއެންޕީއަށް ދިން ދައުވަތު އެޕާޓީން ގަބޫލުނުކޮށް ރައްދު ކޮށްފިއެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމުހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީއިން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީއަށް 3 އޭޕްރީލް 2023 ގައި ލިބުމުން، އެ ދަޢުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު އެޕާޓީއިން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް ކަމަށެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީއިން ކޯލިޝަން ހެދުމަށް ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް އެމްއެންޕީން ޝުކުރު އަދާކޮށްފައި ވެއެވެ.

ޖޭޕީގެ ދައުވަތު ގަބޫލު ނުކުރާކަން ހާމަކޮށް އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއަދު ބޭއްވުނު އެޕާޓީގެ އެގްޒެކެޓިވް ކޮމިޓީއިން މިގޮތަށް ނިންމާފައިވަނީ، ޖުމްހޫރީ ޕާޓީއިން ހުށަހެޅި ފަދަ ކޯލިޝަނެއްގައި އެންއެންޕީން ބައިވެރިވުމަކީ، އެޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެދައުވަތު ޤަބޫލުކުރުމަކީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމަކަށް ވާތީކަމުގައެވެ. އޭގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެރުމަކީ އެމްއެންޕީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއްކަމުގައިވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ޖޭޕީން ދިން ދައުވަތު ގަބޫލު ނުކުރުމަށް ޕީޕީއެމްއިންވެސް ވަނީ ނިންމާފައެވެ. އަދި އެޕާޓީން ގޮވާލާފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް އެހެން ޕާޓީތަކުން އެޕާޓީގެ ފަހަތަށް އެރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.