ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަން އަރބަންކޯ އަށް ބަދަލުކޮށް އެ ކޯޕަރޭޝަން އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އަރބަންކޯ އެޕްލިކޭޝަން"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ.
އަރބަންކޯއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތައް އާންމުންނަށް ވީހާވެސް ފަސޭހައި ހޯދޭނެ މަގެއް ފަހިކޮށްދިނުމަށާއި ރައްޔިތުންނާ ގާތުން ޚިދުމަތްދޭ، ރައްޔިތުންނާ ބަދަހި ގުޅުމެއް އޮންނަ ކޯޕަރޭޝަނަކަށް ހެދުމަށްކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.
މި އެޕްލިކޭޝަންގެ ތެރެއިން ވަގުތުން މައްސަލަތައް ރިޕޯޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުނަށް ލިބޭނެއެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ކޯޕަރޭޝަންގެ މަސައްކަތްތައް ބަލާލުމާއި، އިވެންޓްތައް ބަލާލުން، ބިޑްތަކުގައި ބައިވެރިވުން، ކުލި ދެއްކުން ފަދަ ހުރިހާ އާންމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ.
ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަން އަރބަންކޯއަށް ބަދަލުކޮށްފައިވަނީ ކޯޕަރޭޝަން އިތުރަށް ފުޅާކޮށް، އިތުރު ޚިދުމަތްތަކަށް ވަނުމަށެވެ. ހަމައެކަނި ހުޅުމާލެއަށް ޚިދުމަތް ދެމުން އައިސް، "ބިޔޯންޑް ހުޅުމާލޭ"ގެ ފުޅާ ވިސްނުމާއެކު މިހާރު އެ ކުންފުނީގެ ދަށުން ކުޑަގިރި އާއި ތިލަފުއްޓާއި ގުޅީފަޅުގެ މަސައްކަތާއެކު މަޑުމަޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ކޯޕަރޭޝަނަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
އަރބަންކޯއިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ މަސައްކަތް ފުޅާވެ، މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރަމުންދާއިރު ކޯޕަރޭޝަނާއި ރައްޔިތުންނާ މެދު އޮތް ގުޅުން ބަދަހިކޮށް ދެފުށް ފެންނަ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ތަނަކަށް ހެދުން ކަމަށެވެ.
ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓެއްގެ ގޮތުގައި އެޗްޑީސީ ފުރަތަމަ އުފެދިގެން އައީ 2001ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ