ދީނީ ޝިޢާރު ފާޅުކުރަން ހުރަސް އެޅުމަކީ ޝައިޠާނީ ޢަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލްގެ ޔުނީފޯމް ކޯޑާ ހިލާފަށް ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން އެގޮތަށް ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ. އެޑިއުކޭޝަންގެ މިނިންމުމާއިއެކު ގިނަ ދީނީ އިލްމުވެރިންނާއި، އަރަބިއްޔާގެ ބެލެނެވެރިންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިމައްސަލަ އިއްޔެ ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
މިމައްސަލާގައި ކަންބޮޑުވުން ފާޅުކޮށް، އަދި ދީނީ ގޮތުން މިކަން އޮތްނަން ގޮތް ސޯޝަލް މީޑިއާގައި ހާމަކުރައްވާ ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ މީސްތަކުންގެ ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބައެއްކަމަށެވެ. އަދި އެފަދަ މީހުންނަކީ އާޚިރަތް ދުވަހު ގަދަފަދަ އަޒާބު ލިބޭނެ ބައެއްކަމަށެވެ.
މީސްތަކުން ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބައެއް. އެފަދަ މީހުންނަށް ގަދަފަދަ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެ. މާތް ރަސްކަލާންގެ އަށް ބިރުވެތިވެ، ތިޔަ ޝައިޠާނީ ޢަމަލު ހުއްޓާލާކަށް ނުވޭތޯ؟ ދީނީ ޝިޢާރު ފާޅުކުރަން ހުރަސް އެޅުމަކީ ޝައިޠާނީ ޢަމަލެއް. ޝައިޠާނާ ގޮވާލަނީ ނަރަކައަށް.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
މީސްތަކުން ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބަޔެއް. އެފަދަ މީހުންނަށް ގަދަފަދަ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެ. ﷲ އަށް ބިރުވެތިވެ، ތިޔަ ޝައިޠާނީ ޢަމަލު ހުއްޓާލާކަށް ނުވޭތޯ؟ pic.twitter.com/tOOsKYu1Yn
— Dr.Mohamed Iyaz (@dr_iyaz) April 2, 2023
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފައެވެ.
ނަމަވެސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން، މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެއެވެ. އަދި އެ ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ތުހުމަތުކޮށްފައިވެއެވެ. އަރަބިއްޔާ ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެ ސްކޫލްގައި އެބަތިބި ކަމަށްވެއެވެ.
ކޮމެންޓު ފޮނުވާ