ބާސެލޯނާ އަށް 15 ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ އަށް 15 ޕޮއިންޓުގެ ލީޑެއް

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 09:29
0

އެންމެ ފަހުން އަންސޫ ފަޓީ ވެސް ލަނޑު ޖަހައި ބާސެލޯނާއިން ސްޕެނިޝް ލީގުގައި 15 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

އެލްޗޭއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާ އަށް ދެ ގޯލު ޖަހައިދިނީ ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވޮންޑޯސްކީއެވެ. މެޗުގެ 3 ވަނަ ލަނޑު ޖެހީ ޒުވާން ފޯވަޑް އަންސޫ ފަޓީއެވެ. މިއީ އޭނާ އަށް ގިނައިން ކުޅެން ފުރުސަތު ނުލިބޭތީވެ އޭނާގެ އެޖެންޓް އަދި ބައްޕަ ޝަކުވާ ކުރި ފަހުން ބާސެލޯނާގެ ޖާޒީގައި ފަޓީ ކުޅުނު ފުރަތަމަ މެޗެވެ. އަނެއް ލަނޑު ޖެހީ ފެރަން ޓޮރޭޒެވެ.

މި މެޗަކީ އެލްޗޭއިން އެ ޓީމުގެ އައު ކޯޗު ސެބަސްޓިއަން ބެކަސީސްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަކީ މި ސީޒަނުގައި އެ ޓީމާ ހަވާޅުވި ހަތަރު ވަނަ ކޯޗެވެ. އެލްޗޭ މިވަގުތު އޮތީ ސްޕެނިޝް ލީގުގެ 13ޕޮއިންޓާއެކު ޓޭބަލުގެ ފުލުގަ އެވެ.

މި މެޗުގައި އެންމެ ހާއްސަ ކަމަކަށް ފެނިގެންދިޔައީ މިހާތަނަށް ޑިފެންޑަރެއްގެ ގޮތުގައި ކުޅެމުން އައި އެރިކް ގާސިއާ ލައްވައި ޑިފެންސިވް މިޑްފީލްޑަށް ކުޅުވުމެވެ. ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނީ އެއީ ބާސެލޯނާގެ ކުރީގެ ކޯޗު ޔޯހަން ކްރައިފްގެ ވިސްނުމެއް ކަމަށާއި ގާސިއާ އެ މަގާމަށް ވަރަށް މޮޅު ކަމަށެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އެއްވަނާގައިވަނީ 71 ޕޮއިންޓާއެކުގަ އެވެ. އެއް މެޗުން މަދުން ކުޅެ ދެ ވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.