އެމްއެމްޕީއާރުސީގެ ދައުވަތަކަށް އިޓަލީގެ މަޝްހޫރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އައިސްފިއެވެ.
ރާއްޖެ އައިސްފައިވާ މި ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ 26 މާރޗް އިން 2 އޭޕްރީލްގެ ނިޔަލަށްކަމަށް އެމްއެމްޕީއާރްސީއިން މަޢުލޫމާތުދެއެވެ.
އިޓަލީގެ މިޓީމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ތަފާތު ތަޖުރިބާތަކާއި މެހެމާންދާރީ ތަޖުރިބާކުރުމުގެ އިތުރުން މިދަތުރަކީ ޓާކިޝް އެއަރލައިންސްއާއި ގުޅިގެން ކުރިއަށް ގެންދާ ދަތުރެއްކަމަށްވެސް އެމްއެމްޕީއާރްސީއިން ހާމަކޮށްފައިވެއެވެ.
މި ޓީމުގައި ހިމެނެނީ 5 ނޫސްވެރިންނާއި އެމްއެމްޕީއާރުސީން އިޓަލީއަށް ކަނޑައަޅާފައިވާ ޕީއާރު އޯގަނައިޒޭޝަން، ޓޫރިޒަމް ހަބް ތަމްސީލްކުރާ ފަރާތެކެވެ.
ދަތުރުގެ 7 ދުވަހުގެތެރޭގައި ސްޕާ އަދި ވެލްނެސް ޓްރީޓްމަންޓްތަކާއި، ދިވެހި ކެއްކުމުގެ ކްލާސްތަކާއި، މޫދުކުޅިވަރާއި، އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. ދަތުރުގެ ތެރެއިންނާއި ދަތުރު ނިންމާލުމަށްފަހު މި ޓީމުން ދިވެހިރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި އުފެއްދުންތައް އަދި ތަޖުރިބާތައް، އޮންލައިން އާޓިކަލްތަކާއި ސޯޝަލް މީޑިއާގެ ޒަރިއްޔާއިން އިޓަލީގެ ބެލުންތެރިންނާއި ހިއްސާކުރާނެއެވެ.
އިޓަލީއަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.