ހަންކެޑެ ތަރައްޤީކުރަން ޗައިނާ ކުންފުންޏަކަށް

ހަންކެޑެ ތަރައްޤީކުރަން ޗައިނާ ކުންފުންޏަކަށް

އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއިއެވެ. އެމްއެފްއެމްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވީ، އެ ޕްރޮޖެކްޓްގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަންކެޑެ، އިންޓަގްރޭޓެޑް ޕްރޮޖެކްޓްގެ ގޮތުގައި ތަރައްގީ ކުރަނީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އައްޑޫ ހިތަދޫ ހަންކެޑެ ސަރަހައްދުގައި 1،000 ކޮޓަރީގެ އިންޓަގްރޭޓެޑް ޕްރޮޖެކްޓެއް ފަށާނެ ކަމަށް ސަރުކާރުން އޮތީ އިއުލާނުކޮށްފަ އެވެ. އެތަން ތަރައްގީ ކުރަނީ ތަފާތު ޑިޒައިންތަކަށެވެ. ހަންކެޑެއާ އެކު އެ ސަރަހައްދުގައި 6،000 އެނދު އެޅުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މީގެ ކުރިން ވެސް ހަންކެޑެގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ހަވާލުކުރި އެވެ. ސަރުކާރުން 2005 ގައި ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރި ޕްރޮޖެކްޓް ކުރިއަށް ނުގެންދާތާ 13 އަހަރުވީ ފަހުން ވަނީ އެއްބަސްވުން ބާތިލު ކުރި އެވެ. އެ ޕްރޮޖެކްޓް ނިންމަން އޭރު ކަނޑައެޅީ 18 މަސް ދުވަހެވެ.

އައްޑޫ ސިޓީގައި 8000 އެނދު ސަރުކާރުން ތަރައްޤީކުރުމަކީ މިސަރުކާރުގެ ވަޢުދެކެވެ. އައްޑޫގެ މަރަދޫއާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެއަކީ އައްޑޫގައި ފަތުރުވެރިކަމަށް ޚާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. މި ސަރަހައްދުގައި އެޅުމަށް ނިންމާފައިވަނީ ގެސްޓު ހައުސްއާއި ހޮޓާ އެކަންޏެއް ނޫނެވެ. މިސަރަހައްދުގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް އެކި ބާވަތުގެ ވިޔަފާރިވެސް ޤާއިމު ކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *