ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާހިމް ކުރިމަތިލައްވައި ރިޔާސީ ރޭހަށް ނިކުންނަވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރުމަށް ނިންމައި، އެޕާޓީން އިސްވެއޮވެ ޕާޓީތަކާއި ހަދާ ކޯލިޝަނުން ވެރިކަމަށް އައުމަށް އެޕާޓީގެ ކައުންސިލުން ނިންމީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެނިންމުމާއިއެކު އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިިމަރީއަށް ހުޅުވާލުމުން މުއްދަތު ހަމަވިއިރު ކުރިމަތިލާފައިވަނީ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެކަންޏެވެ. މިއާއިއެކު ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓަކަށް ޤާސިމް ވަނީ ކަނޑައެޅިގެން ގޮސްފައެވެ. ޤާސިމް ވާދަކުރެއްވުމަށް ނިންމަވައި ފޯމު ހުށަހެޅުއްވީ މީގެ އިރިކޮޅެއް ކުރިންނެވެ.
ޤާސިމްގެ މިނިންމުމާއިއެކު އެޕާޓީގެ ކައުންސިލްގެ ގިނަ ބޭފުޅުންނާއި ސިޔާސީ މަސްރަހުގައިި ތިއްބެވި ގިނަ ބޭފުޅުން ވަނީ މަރުޚަބާ ދަންނަވައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ. ޤާސިމްގެ އިންތިޚާބުގައި ވާދަކުރަން ނިންމެވިއިރު، ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކެމްޕެއިން ފަށާ ހިސާބުން ކޯލިޝަންގައި ބޭތިއްބުމަކީ ދަތިކަމެއްކަމަށެވެ.
ޤާސިމްގެ މިނިންމުމާއިއެކު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ޕާޓީން ވަކިވާނެކަމަށް ބެލެވެއެވެ. އެބޭފުޅުންގެ ތާއީދު އޮތީ ރައީސް ޞާލިހާއެކުގައެވެ. ޤާސިމްގެ މިނިންމުމާއިއެކު ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ޤާސިމާއިއެކު ރައީސް ނަޝީދު ހުންނެވުމުން މިއީ ރައީސް ޞާލިހާއި އެމްޑީޕީއަށް އޮތް ނުތަނަވަސް ކަމެކެވެ.
ޖުމްހޫރީ ޕާޓީންވެސް މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކާއިއެކު ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައުމަށް އައުމަށެވެ. ނަމަވެސް މިހާތަނަށް އަދިި ފެންނަން އޮތީ ޖޭޕީއާއިއެކު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ބޭފުޅުން ތިއްބެވިތަނެވެ. އަދާލަތާއި، އެމްޑީއޭއިން ކޯލިޝަން ހަދާފައިވަނީ ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމަށެވެ. މިހާތަނަށް އެއްވެސް ގޮތެއް ނުނިންމަނީ އެމްއާރުއެމްއިންނެވެ. އެމްއެންޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް އޮތީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ގޮތަށެވެ.
ޤާސިިމްގެ މިނިންމުމާއިއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސް، ރިޔާސީ އިންތިޚާބުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ